މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރަން އުޅުނު މީހަކު ގެއެއްގެ ފަސް ވަނަ ބުރިން ފުއްމާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި އެމީހާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރީ މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި ފުލުހުން އެމީހާ ހައްޔަރުކުރަން އުޅުމުން އޭނާ ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމަށް ފަހު ފިލަން މަސައްކަތްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެމީހާ ފުލުހުނަށް ފިލަންވެގެން ދުވެފައި ގޮސް އެރީ ޗާންދަނީ މަގުގައި ހުންނަ ރެޑްވޭވް މިނީމާޓް ކުރިމަތީގައި އޮންނަ ގޯޅީގައި ހުރި ފަސް ބުރީގެ އިމާރާތެއްގެ މައްޗަށް ކަމަށެވެ. އަދި އެގޭ ޓެރަސް މައްޗަށް އެރުމަށް ފަހު ޖެހިގެން ހުރި ދެބުރިގޭގެ ފުރާޅު މައްޗަށް ފުއްމާލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްތުވެގެން ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އެމީހާ ފަސް ބުރީގެ މަތިން ޖެހިގެން ހުރި ގޭ ފުރާޅު މައްޗަށް ފުއްމާލި ނަމަވެސް އޭނާ އަށް މާބޮޑު އަނިޔާއެއް ވެފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމީހާ ފުއްމާލުމުގެ ސަބަބުން ޖެހިގެން ހުރި ދެބުރިގޭ ފުރާޅަށާއި ސީލިން އަށް ވެސް ވަނީ ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ވެފަ އެވެ.

ފުލުހުން ބުނީ ރޭގެ އެ ހާދިސާގައި އެގޭ ފުރާޅަށް ލިބިފައިވާ ގެއްލުމުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.