09 May 2018, 18:44
ރާއްޖޭގައި ކަނޑުގެ ރާޅުން ހަކަތަ އުފެއްދޭތޯ ބެލުމުގެ ގޮތުން ޓެސްޓުކުރުމުގެ ނިޒާމެއް ގާއިމުކޮށްފިއެވެ.
ޖަޕާނުގެ އެޑިޔުކޭޝަން އިންސްޓިޓިއުޓެއް ކަމަށްވާ އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ސްކޫލް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ޖަޕާނުގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ކޮކްޔޯ ޓެޓްމޮނޮ ކޮމްޕެނީ ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، މިއަދު ވަނީ ހޮލިޑޭއިން ކަނޑޫމާ ރިސޯޓުގެ ފުއްޓަރުގައި ކަނޑުގެ ރާޅުން ހަކަތަ އުފެއްދޭތޯ އަޖުމަ ބެލުމުގެ ނިޒާމެއް ގާއިމުކޮށްފައެވެ.
ކަނޑުގެ ރާޅުން ހަކަތަ އުފެއްދޭތޯ ބެލުމުގެ ގޮތުން ޓެސްޓުކުރުމުގެ ނިޒާމެއް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
އެންވަރަންމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ނިޒާމް ގާއިމްކޮށްފައި ވަނީ އެ ރިސޯޓުގެ އައްސޭރިފަށުން ގާތްގަނޑަކަށް 50 މީޓަރު ދުރުގައި ކަމަށެވެ.
އެ މޮޑެލް ޓެސްޓުކުރުމުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ރާޅުން ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހޯދުމަށް މަސައްކަތް ފެށުމަށް ކަމަށް ވެސް އެންވަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
މިއަދު ގާއިމު ކުރި ނިޒާމަކީ އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ސްކޫލް ކޯޕަރޭޝަންގެ ކުއަންޓަމް ވޭވް މައިކްރޮސްކޯޕީ ޔުނިޓުގެ ލީޑަރުކަމަށްވާ ޕްރޮފެސަރ ޓުސުމޮރު ޝިންޓޭކް އާއި އޭނާއާ އެކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ފަރުމާކޮށްފައިވާ ނިޒާމެކެވެ.
ކަނޑުގެ ރާޅުން ހަކަތަ އުފެއްދޭތޯ ބެލުމުގެ ގޮތުން ޓެސްޓުކުރުމުގެ ނިޒާމެއް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
އެ ނިޒާމު ފަރުމާކޮށްފައިވަނީ ކަނޑު ގަދަވުމުންވެސް ގެއްލުންނުވާ ގޮތަށާއި ކަނޑުގައި ދިރިއުޅޭ މަސްމަހާ މެއްސަށްވެސް ރައްކާތެރި ގޮތަށް ކަމަށް އެންވަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
މިއަދު ގާއިމު ކުރި ނިޒާމުގައި ހިމެނެނީ ކަނޑުގެ ރާޅުން ހަކަތަ އުފައްދާ ހާފް ސްކޭލްގެ ދެ ޔުނިޓެވެ. އެ ބާވަތުގެ ފުލް ސްކޭލް ދެ ޔުނިޓް މި އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ރާއްޖޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަރަންމަންޓް މިނިސްޓްރީން ބުންޏެވެ.