09 May 2018, 14:01
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، މެއި މަހުގެ 30 ވާ ބުދަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ، 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ވާ ގޮތުން އެ ޖަލްސާ އޮންނާނީ މެއި 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:00 ގައި، ދަރުބާރުގޭ ދޮށިމޭނާ މާލަމުގައެވެ.
އެ ޖަލްސާގައި 2016 ވަނަ އަހަރުގެ އޭޖީއެމްގެ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ހިސާބުތައް ފާސްކުރުމާއި، 2017 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ މިންވަރު ފާސްކުރުމާއި 2018 ވަނަ އަހަރަށް އޮޑިޓަރުންން ކަނޑައެޅުމާއި ބޯޑަށް ޑިރެކްޓަރުން އިންތިޚާބުކުރުން އޮންނާނެއެވެ. މީގެ އިތުރުން އެސްޓީއޯއިން އެކުންފުނީގެ ހިންގާ ގަވައިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުންވެސް އޮންނާނެއެވެ.
އެސްޓީއޯއިން ނިންމާފައިވަނީ 2017 ވަނަ އހަަރު ލިބުނު 211 މިލިޔަން ރުފިޔާގެ ފައިދާގެ ތެރެއިން ހިއްސާއަކަށް 55 ރުފިޔާ ބެހުމަށެވެ.
ކުންފުނީގެ ބޯޑަށް ޑިރެކްޓަރުންގެ ގޮތުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ މިހާރުވެސް ބޯޑުގައި ތިއްބެވި ހަ ޑިރެކްޓަރެކެވެ.
އެ ބޭފުޅުންނަކީ:
ހުސައިން ސާލިމް މުހައްމަދު(ޗެއާމަން)
- އަހްމަދު ޝަހީރު(މެނޭޖިންގް ޑިރެކްޓަރު)
- މުހައްމަދު މިހާދު(ޗީފް ފައިނޭންޝަލް އޮފިސަރު)
- އާމިރު މަންސޫރު
- އާއިޝަތު ރަފިއްޔާ
- މަރިޔަމް ޒާހިޔާ
އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އިރު، އެއްބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވާފައެވެ. ދެން ތިއްބެވި ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު އެސްޓީއޯގެ ބޯޑުން ނިންމާފައިވަނީ ބޯޑަށް ކުރިމަތިލެއްވި ގދ. ގައްދޫ، ބިލެއްމާގެއާއިޝަތު ފަޒީނާގެ ނަން، ޖަލްސާއަށް ހުށަހެޅުމަށެވެ.
އެސްޓީއޯއިން އެކުންފުނީގެ ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކުންފުނީގެ ބޯޑުގެ ކޯރަމް އެކުލެވޭ ގޮތް ބަދަލުކުރުމާއި، ކުންފުނީގައި ސީއީއޯގެ މަގާމު އުފައްދައި، އެ މަގާމު މެނޭޖިންގް ޑިރެކްޓަރުގެ މަގާމާ އެކުގައި ލިބޭގޮތް ހިދުމެވެ.
އެސްޓީއޯއިން މިއަހަރުގެ އަހަރީ އާންމު ޖަލްސާގައިވެސް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އިލެކްޓްރޯނިކް ވޯޓިންގް ނިޒާމު ބޭނުންކޮށްގެންނެވެ. އެސްޓީއޯއިން އަހަރީ އަންމު ޖަލްސާއެއްގައި އިލެކްޓްރޯނިިކް ވޯޓިންގް އެންމެ ފުރަތަމަ ބޭނުންކުރީ މިދިޔަ އަހަރުއެވެ.
މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 51 ރުފިޔާ ބަހަން ފާސްކުރި އިރު، އެ ޖަލްސާގައި ވޯޓަށް އެހި ކަންކަމަށް ވޯޓުލުން ކުރިއަށް ދިޔައީ އިލެކްޓްރޯނިކް ވޯޓިންގް ނިޒާމާ އެކު ވަރަށް ހަލުއިކަމާ އެކުގައެވެ.
އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރަން އެދޭ ހިއްސާދާރުން އެކަމުގެ ފޯމު ފުރުމަށްފަހު ހެޑް އޮފީހަށް ހުށަހެޅުމަށް ކުންފުނިން އެދެއެވެ. އަދި ރަޖިސްޓްރޭޝަންގެ ކަންކަންއެސްޓީއޯ ވެބްސައިޓުމެދުވެރިކޮށްވެސް ކުރިއަށް ގެންދެވޭނެކަމަށް މައުލޫމާތު ދެއެވެ.