އެމްޕީއެލްއިން ހިންގާ މާލެ ވިޔަފާރި ބަނދަރުގައި މަޖޫރީއެއްގެ ފައި، ފޯކްލިފްޓެއް ދަށުވެ، ޗިސްވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 11:56ގައި ފުލުހުންނަށް އެކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެގޮތުން، އެމްޕީއެލް ބަނދަރު ތެރޭގައި މީހެއްގެ ފައި، ފޯކްލިފްޓެއް ދަށުވި ހާދިސާއެއް ހިނގި ކަމަށާއި އެމީހާ މިހާރު ވަނީ އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވީ މަޖޫރީއަކަށެވެ. އޭނާއަކީ ރ. ކަނދޮޅުދޫއަށް ނިސްބަތްވާ ދިވެއްސެކެވެ.

އޭނާގެ އާއިލާގެ މެމްބަރަކު "ސަން"އަށް ބުނި ގޮތުގައި، ފައި ޗިސްވެފައި ވާތީ އައިޖީއެމްއެޗުން އޭނާ ބެލި ޑޮކްޓަރު ބުނީ ފައި ބުރކޮށްލަން ޖެހޭނެ ކަމަށެވެ.

އެމްޕީއެލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެމްޕީއެލްގައި މީހެއްގެ ފައިގައި ވެހިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި ނަމަވެސް ފުރާނައަށް ގެއްލުންވާ ވަރުގެ ކަމެއް ނުހިނގާ ކަމަށެވެ.

އަދި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން ދާތީ، އެމްޕީއެލް އިން މި ހާދިސާގެ ތަފްސީލު ހާމަކުރާނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް އެމްޕީއެލް އިން ވާހަކަ ދެއްކެވި އޮފިޝަލު ވިދާޅުވި އެވެ.