09 May 2018, 11:42
މި ހިނގާ 2018 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ގައި 280 މައްސަލަ ރަޖިސްޓްރީކޮށްފައި ވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިއަދު އާންމުކުރި ތަފާސް ހިސާބުގައި ވާގޮތުން އެ ކޮމިޝަނަށް މިދިޔަ ތިން މަސް ދުވަހު ހުށަހަޅާފައި ވަނީ ޖުމުލަ 162 މައްސަލައެކެވެ. އެ މައްސަލަތަކުގެ އިތުރުން އެ ކޮމިޝަންގެ އިސްނެގުމުގެ މަތިން ޖުމުލަ 118 މައްްސަލައެއް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ 280 މައްސަލައިގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 248 މައްސަލައެއް ތަހުގީގުކުރަން ނިންމާފައިވާ ކަމަށެވެ.
އޭސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައި ވަނީ 274 މައްސަލައެވެ. އަދި މި އަހަރު ރަޖިސްޓްރީ ކުރެވުނު މައްސަލައިގެ އަދަދު ޖުމުލަ 2.19 އިންސައްތަ އިތުރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި އަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކެވެ. އެގޮތުން 147 މައްސަލައެއް މި އަހަރުގެ ފުރަތަމަ ތިން މަހު ރަޖިސްޓްރީވެފައި ވާއިރު މިދިޔަ އަހަރު އެކަމާ ގުޅޭ 98 މައްސަލައެއް އެ މުއްދަތުގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.
އޭސީސީން ބުނީ ފުރަތަމަ ކުއާޓަރުގައި ބަލަން ނިންމާފައި ވާ މައްސަލަތައް ބެލުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށް ދާ ކަމަށާއި އެކަމުގައި ކަމާ ގުޅޭ އެކި އިދާރާތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.