ޕްރެމިއާ ލީގުގައި ޓޮޓެންހަމްއާއި ބައްދަލުކުރާ މެޗަށް އެރޭނެ ކަމުގެ އުންމީދުގައި ހުރި ލިވަޕޫލް ކެޕްޓަން ސްޓީވަން ޖެރާޑް ފިޓުވަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ލިބުނު އަނިޔާއަކާ ގުޅިގެން މާޗްމަހު ސާޖަރީ ހެދި ޖެރާޑަށް ކެނީ ޑެލްގިޝްގެ ކޯޗްކަމުގެ ދަށުން ލިވަޕޫލުގެ ޓީމަށް މިހާތަނަށް ކުޅެވިފައި ވަނީ އެންމެ ހަ މެޗެވެ.

އަންނަ ހަފްތާގައި ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެ ސެޕްޓެމްބަރު 18 ގައި ޓޮޓެންހަމްއާއި ދެކޮޅަށް ނުކުމެމޭވަރަށް ފިޓްވޭތޯ މަސައްކަތް ކުރާނެ ކަމަށް ޖެރާޑް ބުންޏެވެ.

"އަހަރެންގެ އަނިޔާ މިހާރު ގާތްގަނޑަކަށް މުޅިން ރަނގަޅުވެއްޖެ. އަހަރެންނަށް އަލުން ބޯޅައިގައި ޖެހުމުގެ ފުރުސަތު ވަނީ ލިބިފައި. އަންނަ ހަފްތާ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ފަރިތަކުރުން ތަކުގައި ބައިވެރިވެވޭތޯ ބަލާނަން. ސްޓޯކާއި ދެކޮޅަށް ކުޅޭ މެޗަށް ނުނުކުމެވުނު ކަމަށްވިޔަސް ޓޮޓެންހަމްއާއި ދެކޮޅަށް ނުކުމެވޭނެ ކަމަށް އުންމީދުކުރަން." ޖެރާޑު ބުންޏެވެ.

ސީޒަން ފެށިއިރު ޖެރާޑް ފިޓް ނުވުމާއި ގުޅިގެން ލިވަޕޫލް ކޯޗް ޑެލްގިޝްއަށް ޓީމުގައި ހިމަނަން ޖެހުނީ އަލަށް ކުލަބާއި ގުޅުނު ކުޅުންތެރިން ނެވެ. އެގޮތުން މެދުތެރެއަށް ގެނައި ސްޓީވާޓް ޑައުނިންގް، ހެންޑަސަން އަދި އަޑަމްސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ޖެރާޑް ނެތް ތަން ލިވަޕޫލަށް ފޫބައްދަ ދީފަ އެވެ.

"ނިމިގެންދިޔަ ފަސް މަހަކީ އުނދަގޫތަކަކާއި ދިމާވި ފަސް މަސް. އަހަރެންނަށް ކުޅުމާއި ދުރުގަ ހުންނަން ވަރަށް ބޮޑަށް އުނދަގޫވި. އަހަރެން މިހާރު މިހިރީ އެނބުރި ދަނޑަށް ނުކުތުމަށް ކެތް މަދުވެފައި." ޖެރާޑް ބުންޏެވެ.

އުމުރުން 31 އަހަރުގެ ޖެރާޑުގެ މުޅި ހަޔާތް ހޭދަކޮށްފައި ވަނީ ލިވަޕޫލުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެގޮތުން އެގާރަ އަހަރު ލިވަޕޫލުގެ ޒުވާން ޓީމަށް ކުޅެދީފައި ވާއިރު، ސީނިއާ ޓީމަށް ކުޅޭތާ މިހާރު ތޭރަ އަހަރު ވެއްޖެ އެވެ.

އިނގިރޭސި ގައުމީ ޓީމަށްވެސް ކުޅެމުންދާ ޖެރާޑު ލިވަޕޫލަށް 327 މެޗުން 84 ގޯލު ކާމިޔާބުކޮށްފައި ވެއެވެ.