ދިވެހިރާއްޖެއާއި ޕާކިސްތާން އަސްކަރިއްޔާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް ބާއްވާ ހައްސަ މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފިއެވެ.

ބްރިގޭޑިއާ ޖެނެރަލް ޝާހިދު އެ ގައުމަށް ފުރާވަޑައިގެންނެވީ މިއަދުއެވެ.

ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސްޓާފް ޓޯކްސްގެ ތެރެއިން "ޕާކިސްތާނާއި ދިވެހިރާއްޖެއާއި ދެމެދު ދިފާއީ އަދި އަސްކަރީ ގުޅުން ބަދަހިކުރުމަށާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ އިތުރަށް ތަރައްގީ ކުރުމާ" ގުޅޭ ގޮތުން މަޝްވަރާ ކުރާނެކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގެ ޖޮއިންޓް ސްޓާފްސް ހެޑްކުއާޓާޒްގައެވެ.

އެމެއެންޑީއެފްއިން ބުނީ "އެ ސްޓާފް ޓޯކްސްގައި ދިވެހިރާއްޖެގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޑައިރެކްޓްރޭޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް ޢަބްދުލްމަތީން އަހުމަދާއި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރެއިނިންގްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އިސްމާއީލް ނަސީރުގެ އިތުރުން ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަ ލެފްޓިނަންޓް ކާނަލް އިބްރާހީމް ހިލްމީ"އެވެ.

މިއީ ދިވެހިރާއްޖެއާއި ޕާކިސްތާން އަސްކަރިއްޔާއާ ދެމެދު ބާއްވާ ހަތަރުވަނަ ސްޓާފް ޓޯކްސްއެވެ.