09 May 2018, 11:51
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާއްލު ބެއްލެވުމަށް އެ ރައްޔިތުން ދިރިއުޅޭ ގެތަކަށް ޒިޔާރަތް ކުރަން ފައްޓަވާފައިވާއިރު، އިއްޔެ ހެންވޭރުގައި ދިރިއުޅޭ ބައެއް ރައްޔިތުންނާ އެކަމަނާ ބައްދަލުކުރައްވައިފިއެވެ.
މެޑަމް ކުރިއަށް ގެންދާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން އަތޮޅު ތަކަށް ކުރައްވާ ޒިޔާރަތްތަކުގެ އިތުރުން މާލޭގައިވެސް އެ މަސައްކަތް ފަށައި އެންމެ ފުރަތަމަ، މިދިޔަ ހޯމަ ދުވަހު ވަޑައިގަތީ މައްޗަންގޮޅީގެ ބައެއް ގެތަކަށެވެ.

މެޑަމް ފާތުން ހެންވޭރު ރައްޔިތުންނާއި ބައްދަލުކުރެއްވުން--ފޮޓޯ/ މީސް މީޑިއާ
އެއަށްފަހު އިއްޔެ މެންދުރު ފަހު މެޑަމް ފާތުން ވަނީ ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންގެ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް ހާލު އޮޅުންފިލުއްވާފައެވެ. އަދި އެ ރައްޔިތުންނަށް ޞަދަގާތު ފައުންޑޭޝަންގެ ފަރާތުން ހަދިޔާވެސް ވަނީ ދެއްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އަދި ޞަދަޤާތު ފައުންޑޭޝަންގެ އިސްބޭފުޅެއް ކަމަށްވާ އިބްރާހިމް މުއާޒު އަލީ މީގެ ކުރިން ވިދާޅުވީ މި ކެމްޕެއިންގެ ތެރެއިން ކުރިއަށް އޮތްތަނުގައި މާލޭގެ އެކި ހިސާބުތަކަށް މެޑަމް ޒިޔާރަތްކޮށް ރައްޔިތުންނާ ވިހާވެސް ގާތުން ކަންކަން ބެއްލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
މެޑަމް ފާތުން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަން ފެއްޓެވި އިރު އެކަމަނާ ވަނީ ދާދި ފަހުން ފުވައްމުލަކު ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.