09 May 2018, 10:16
ކިންޝާސާ (މޭ 9): ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ދެ މީހަކަށް އިބޯލާ ޖެހިފައިވާ ކަން ލެބް ޓެސްޓުތަކުން ދައްކައިފި ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ކޮންގޯގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ދެ މީހުންނަށް އިބޯލާ ޖެހުނުކަން އެނގުނީ، 21 މީހެއްގެ ފަރާތުން އިބޯލާގެ އަލާމާތެއް ފެނިގެން ހެދި ޓެސްޓުތަކުންނެވެ.
އަދި އެ ދެ މީހުން ނިސްބަތްވާ ބިކޯރޯ ޓައުންއިން 17 މީހަކު މަރުވެފައިވާ ކަމަށާއި އެ މީހުންގެ މަރާއި އިބޯލާއާ ގުޅުމެއް އޮވެދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އޭގެ ސަބަބުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ އެމާޖެންސީ ފަންޑުގެ ގޮތުގައި ކޮންގޯއަށް އެއް މިލިއަން ޑޮލަރު ފޮނުވައި، އިބޯލާއާ ގުޅުން ހުރި 50 މާހިރުން އެގައުމަށް ފޮނުވާފައި އެވެ.
އެއީ ކޮންގޯ އިން އިބޯލާ ފެނުުނު ނުވަ ވަނަ ފަހަރެވެ. އެ ގައުމުން ފުރަތަމަ ފަހަރަށް ވައިރަސް ފެނުނީ 1976 ވަނަ އަހަރުގަ އެވެ. އަދި އިބޯލާއަށް އެނަން ދިނީ އެގައުމުގައި އޮންނަ އިބޯލާ ކޯރާ ގުޅުވާފައި އެވެ. އެގައުމުގައި މިދިޔަ އަހަރު ވެސް އިބޯލާ ފެތުރި، ހަތަރު މީހަކު މަރުވެފައިވެ އެވެ.
އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ އިބޯލާ ވައިރަސް 2014 ވަނަ އަހަރު ހުޅަނގު އެފްރިކާއަށް ފެތުރި، އޭގެ ސަބަބުން ގިނީ، ސިއޭރާ ލިއޯން އަދި ލައިބީރިއާ އިން 11،300 މީހުން މަރުވި އެވެ.
އިބޯލާ ގައިންގަޔަށް އަރަނީ ބަލިޖެހިފައިވާ މީހެއްގެ ލޭ، ނުވަތަ ހަށިގަނޑުން ބޭރުވާ ދިޔައިގެ ސަބަބުންނެވެ. އެ ވައިރަހުގެ އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރިއްސުމާއި ވަރުބަލިވުން ހިމެނެ އެވެ. އޭގެ ފަހުން ހޮޑުލެވި، ބޭރަށް ހިންގައި، އެތެރެ ހަށިންނާއި ބޭރު ފުށުން ލޭ މަނާ ނުވެ، ލޭ ފައިބާ ގޮތް މެދުވެރިވެ އެވެ. (ބީބީސީ)