ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕާޓީއަށް "އުންމީދު ކުރާ ވަރަށް" މީހުން ހަމަނުވާނެ ކަމަށާއި އަދި އެ ޕާޓީ އިލެކްޝަންސް ކޮމިޝަންސްގައި ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކަރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒުހައިރު ވިދާޅުވީ މައުމޫން އުންމީދު ކުރައްވާވަރުގެ ތާއިދެއް މިހާރު އެމަނިކުފާނަށް ނެތް ކަމަށާއި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވަން އުޅުއްވާ ޕާޓީއަށް ")މައުމޫން( ހީފުޅުކުރައްވާހާ" ގިނަ ބަޔަކު ބައިވެރި ނުވާނެ ކަމަށެވެ. އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީ މީހުން ވަކިވެގެން މައުމޫން ހައްދަވަން އުޅުއްވާ ޕާޓީއާ ނުގުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޕާޓީއަށް ފަހަރެއްގައި "ހުކުރު ހަމަވެދާނެ )ހުކުރެއް ހަމަވަނީ 40 މީހުން(" ކަމަށާއި ނަމަވެސް ސިޔާސީ ބާރުވެރި ފަރާތަކަށް އެ ޕާޓީ ވެގެން ނުދާނެ ކަމަށެވެ.

"ރަޖިސްޓްރީ ކުރެވިދާނެ ކަމަކަށް ވެސް ހިއެއް ނުކުރެވޭ މީހުން ހަމަކޮށްގެން ވެސް. ފުރަތަމަ ކޮޅުގައި 50 އިން 100 ފޯމް ހަމަކޮށްލާ ވަރަށް މީހުން ތިބެދާނެ،" ޒެޑް ފެކްޝަނުން އަލަށް ހަދަން އުޅޭ ޕާޓީއަށް ފާޑުވިދާޅުވެ ޒުހައިރު ވިދާޅުވި އެވެ.

މައުމޫންގެ އުފައްދަވަން އުޅުއްވާ ޕާޓީއާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވި އަބްދުﷲ ޔާމިންއަށް އިޝާރާތް ކުރައްވައި ޒުހައިރު ވިދާޅުވީ ޔާމިންގެ ޕާޓީ، ޕީއޭގައި އެކަށީގެންވާ މެންބާޝިޕެއް ނެތުމުން ސިޔާސީ ބުރަދަނެއް އެ ޕާޓީގައި ނެތް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ތެރެއިން މައުމޫނާއި ޔާމީނަށް ސަރުކާރު ހިންގާ އެމްޑީޕީން އަބަދު ވެސް ބަހުގެ ހަމަލާތައް ދެމުންދަނީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޒުހައިރު ވިދާޅުވީ ޔާމީން އަކީ ސިޔާސީ މަސްރަހުގައި ސިޔާސީ އިސްނެންގެވުންތަކެއް ނަންގަވާ ބޭފުޅެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އަދި ދައުލަތާއި ސަރުކާރަށް މުހިއްމު މަސައްކަތްތަކެއް ޔާމީން ކުރައްވަމުން ގެންދެވުމުން އެމަނިކުފާނު ކުރައްވާ ކޮންމެ ކަމަކާ ސަރުކާރުން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ޒުހައިރު ވިދަޅުވި އެވެ. އެ ސަބަބާ ހުރެ ފާޑު ވިދާޅުވަމުން ގެންދަވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަސްމީންގެ ލީޑާޝިޕްގައި މިއަދު ހިންގަމުންދާ ޑީއާރްޕީއަށް އިޝާރާތް ކުރައްވާ ޒުހައިރު ވަނީ ތައުރީފުގެ ބަސްތަކެއް ރައްދުކޮށްފަ އެވެ. ޒުހައިރު ވިދާޅުވީ އެ ޕާޓީއަކީ ފަހުރުވެރި އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށާއި އެ ޕާޓީއަކީ ހަރުދަނާ ގަވާއިދެއްގެ ދަށުން މަޖިލިސް މެންބަރުންގެ މައްޗަށް އެކުލެވިގެން ހިނގަމުންދާ ޕާޓީ ކަމަށެވެ.