09 May 2018, 10:21
މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް ބޭންކިންގް ޚިދުމަތް ތައާރަފުކޮށް، އެކަމަށް ޚާއްސަ މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި އެވެ.
ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް ބޭންކުގެ މޯބައިލް ބޭންކިންގް އެޕްލިކޭޝަން "ފައިސާ މޯބައިލް" ލޯންޗުކޮށްދިނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު ނަސީރާއި އިސްލާމިކް ބޭންކުގެ އެކްޓިންގް ސީއީއޯ އަހްމަދު ރިޒާއެވެ.
"ފައިސާ މޯބައިލް" އެޕްލިކޭޝަން ތައާރަފުކުރީ އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް ބޭނުންކުރެވޭ ގޮތަށެވެ. މި އެޕް، އެޕްސްޓޯރާއި ގޫގްލް ޕްލޭސްޓޯރުން މިހާރު ލިބެން އެބަހުއްޓެވެ.
އެމްއައިބީ އިން ބުނި ގޮތުގައި މި އެޕް މެދުވެރިކޮށް އެކައުންޓް ބެލެންސާއި ހިސްޓްރީ ބެލުމާއި އެމްއައިބީގެ އިތުރުން ރާއްޖޭގެ އެހެނިހެން ބޭންކުތަކުގެ އެކައުންޓްތަކަށް ފައިސާ ޓްރާންސްފާކުރުމާއި ޓްރާންސްފާކުރުމުން ލިބޭ ރަސީދު ލިބުމުގެ އިތުރުން ބޭންކާ މުއާމަލާތް ކުރުމާއި، ޕިން ކޯޑުގެ އިތުރުން ބަޔޯމެޓްރިކް އޮތެންޓިކޭޝަނާއި ޓޫ ފެކްޓާ އޮތެންޓިކޭޝަން ފަދަ ސެކިއުރިޓީ ފީޗާސް ހިމެނެ އެވެ.
މީގެ އިތުރުން އެހެން މޯބައިލް ބޭންކިންގް އެޕްތަކުގައި އާންމުކޮށް ނުހިމެނޭ ޚިދުމަތްތައް ވެސް "ފައިސާ މޯބައިލް"ގައި ހިމެނޭނެ ކަމަށް އެމްއައިބީއިން ބުނެ އެވެ.
އެގޮތުން އެކައުންޓްގެ މުއާމަލާތްތައް ފިލްޓާކުރުމާއި ޗެކު ފޮތުގެ ތަފްސީލު ބެލުމާއި ޗެކު ކްލިއާކުރުމުގެ ސްޓޭޓަސް ބެލުމުގެ އިތުރުން ޗެކު ގެއްލިއްޖެ ނަމަ އެކަން ރިޕޯޓުކުރުމާއި ހުއްޓުވުން، އަދި ކަސްޓަމަރާ ގުޅޭ ފައިނޭންސިންގް ފެސިލިޓީތަކުގެ ތަފްސީލު ބެލޭ ފަދަ ފީޗާތައް "ފައިސާ މޯބައިލް"ގައި ހިމެނޭނެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކްޓިންގް ސިއީއޯ އަހްމަދު ރިޒާ ވިދާޅުވީ މި އެޕްއަކީ ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށެވެ.
"އަޅުގަނޑުމެން ގެންގުޅޭ ފަލްސަފާއަކީ، އަމާޒަކީ، މި ބޭންކުގެ ހުރިހާ ކަމެއްގައި ވެސް ދިވެހި އުފެއްދުންތައް ކުރިއެރުވުން،" އޭނާ ވިދާޅުވި އެވެ.