09 May 2018, 10:07
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.
ރައީސް މައުމޫންގެ ޝަރީއަތް އިއްޔެ ވެސް ކެންސަލް ކޮށްފައިވާ އިރު އެމަނިކުފާނުގެ ޝަރީއަތް އިއްޔެ ކެންސަލް ކުރަން ޖެހުނީ ސިއްހީ ހާލަތު ތަން ނުދޭތީ ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.
މިއަދު ބާއްވަން ތާވަލުކޮށްފައިވާ ޝަރީއަތް ކެންސަލް ވެފައިވީ ނަމަވެސް ކެންސަލް ކުރަންޖެހުނީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ތަން ނުދޭތީ ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.
މިއީ ރައީސް މައުމޫންގެ ޝަރީއަތް ކެންސަލް ކުރި ތިން ވަނަ ފަހަރެވެ.
ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްވެ ކޮންމެ ވަގުތަކު ވެސް ވެއްޓިވަޑައިގެންފާނެ ކަމުގެ ބިރު އޮތް ކަމަށް ޑޮކްޓަރާ ހަވާލާދީ ވަކީލުން ދަނީ ބުނަމުންނެވެ.
އެހެންކަމުން ރައީސް މައުމޫނު ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އާއިލާއިން ވަނީ ތަކުރާރުކޮށް އެދިފަ އެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ. އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.