09 May 2018, 09:52
ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން އަދި ކުޅަދާނަ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު "ކޭދަރްނާތު" ރިލީޒް ކުރާނެ ދުވަސް ހާމަކޮށްފި އެވެ.
މީގެ ކުރިން ވެސް ތަފާތު އެކި ފަހަރު މަތިން ފިލްމު ރިލީޒް ކުރާނެ ތާރީޚު އިއުލާނުކޮށް، އެ ތާރީޚަށް ބަދަލު ގެނެސްފައިވެ އެވެ.
ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމު ރިލީޒް ކުރާނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިއުލާނު ކުރި އެ ފިލްމު ރިލީޒް ކުރަން އެންމެ ފުރަތަމަ ހަމަޖައްސައިފައި އޮތީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު އާއި ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ އާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ފިލްމުގެ މަސައްކަތް ހުއްޓުނީ އެވެ. ފިލްމުގެ ޝޫޓިން އަލުން ފެށީ ވެސް ގިނަ ދުވަސްތަކަކަށް ފަހު އެވެ.
އެއަށް ފަހު މި އަހަރުގެ ޖެނުއަރީ މަހު ފިލްމު ރިލީޒް ކުރުމަށް ވެސް މަސައްކަތް ކުރި އެވެ.
ނޮވެމްބަރު 30ގައި ފިލްމު ރިލީޒް ކުރެވިއްޖެ ނަމަ، އެ ފިލްމު ވެގެން ދާނީ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށެވެ. އެއަށް ފަހު އަންނަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތް ރޯހިތު ޝެޓީގެ ފިލްމު ‘ސިމްބާ’ އިން ރަންވީރު ސިންގް އާ އެކު ވެސް ސާރާ ފެނިގެންދާނެ އެވެ.