ބޮލީވުޑް އެކްޓަރު ޝްރެޔާސް ތަލްޕާޑޭ އަދި އޭނާގެ އަންހެނުން ދީޕްތީއަށް މިދިޔަ ހޯމަ ދުވަހު އަންހެން ދަރިއަކު ލިބިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ދެމީހުން ކުއްޖަކު ހޯދައިފައި ވަނީ ސަރޮގޭޓް މަންމައެއް (އެއްބަސްވުމެއްގެ ދަށުން ބަލިވެ އިންނަ އަންހެނާ) މެދުވެރިކޮށެވެ.

ފުރަތަމަ ދަރިފުޅު ލިބުނުކަމުގެ ޚަބަރު އެ ދެމަފިރިންނަށް ލިބިފައި ވަނީ ޗުއްޓީއެއް ހޭދަކޮށްލުމަށް ހޮންގްކޮންގް އަށް ދިއުމުގެ މަގުމަތީގައެވެ. އެ ހިސާބުން ދަތުރު ނިންމާލުމަށް ފަހު ދެމީހުން އެނބުރި އިންޑިއާއަށް ދިޔައީއެވެ.

ޝްރެޔާސް އާއި ދީޕްތީގެ ކައިވެންޏަށް މިހާރު 14 އަހަރު ވެއްޖެއެވެ. ޝްރެޔާސް ބުނީ ކުއްޖަކު ހޯދުމުގެ ޚިޔާލު އައުމުން ވެސް ކުރިން ޖެހިލުންވާ ކަމަށާއި، ނަމަވެސް މިހާރު އުފަލުގެ ކޮޅެއް ނެތް ކަމަށެވެ.

ޝްރެޔާސް ބުނީ އެންމެ ކުރިން ފެށިގެން ވެސް ބޭނުންވީ އަންހެން ދަރިއަކު ކަމަށާއި، ވަރަށް ބޮޑަށް އުފަލުން ހުރި ކަމަށެވެ. އަދި ދަރިފުޅަށް ރީތި ހެދުމާއި ކުޅޭ އެއްޗެހި ގަނެދޭން ކެތްމަދުވެފައި ހުރި ކަމަށް އޭނާ ބުނެފައިވެއެވެ.

ޝްރެޔާސްއަކީ ސަރޮގެސީ މެދުވެރިކޮށް ދަރިއަކު ހޯދި ފުރަތަމަ ބޮލީވުޑް ފަންނާނެއް ނޫނެވެ. ޝާހްރުކް ޚާން، އާމިރު ޚާން، ސަނީ ލިއޯނީ، ތުޝާރު ކަޕޫރު އަދި ކަރަން ޖޯހަރު ވެސް ވަނީ ސަރޮގެސީ މެދުވެރިކޮށް ކުދިން ހޯދައިފައެވެ.