04 Sep 2011, 13:23
ފޮޓޯ ޖެހި ލިޔުމެއް ނެތި ޑޮކްޓަރު ސެޓްފިކެޓް ދޫނުކުރާ ގޮތަށް އައިޖީއެމްއެޗުން ހަމަޖައްސައިފި އެވެ.
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްޗުން ބުނީ މިއަދުން ފެށިގެން ޑޮކްޓަރު ސެޓްފިކެޓް ]މެޑިކަލް ސެޓްފިކެޓް[ ދޫކުރާ އުސޫލަށް ބަދަލު އައިސްފައިވާ ކަމަށެވެ. އަދި އެގޮތަށް ހަމަޖައްސަން ޖެހުނީ ނަހަމަ ގޮތުގައި ބައެއް ފަރާތްތަކުން ޑޮކްޓަރު ސެޓްފިކެޓް ހައްދަމުން ގެންދާތީ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ޑޮކްޓަރު ސެޓްފިކެޓް ކުރިން ދޫކުރާ އުސޫލަށް ބަދަލު ގެނެސްފައި ވަނީ ޑޮކްޓަރު ސެޓްފިކެޓަށް އެދޭ މީހާ ނޫން އެހެން މީހުން ޑޮކްޓަރަށް ދެއްކުމަށް ފަހު އެމީހާގެ ނަމުގައި ސެޓްފިކެޓް ހައްދަމުން ގެންދާތީ އެފަދަ ފުރުސަތުތައް އެފަރާތްތަކަށް ނުދިނުމަށް ކަމަށެވެ.
"ބަލިމީހާ ނޫން އެހެން މީހުން ޑޮކްޓަރަށް ދައްކާފައި ސެޓްފިކެޓް ހޯދާކަން އެބަހުރި އެނގިފައި،" ޒީނަތު ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ޑޮކްޓަރު ސެޓްފިކެޓް ހައްދައިދޭނީ އައިޑީކާޑު، ޕާސްޕޯޓް އަދި ލައިސަންސް ފަދަ އެމީހެއްގެ ފޮޓޯ ޖެހި ލިޔުމެއް ދެއްކުމުންނެވެ.