ދަ ގްރާންޑޭ އަމިގޯސް ނިއު ޖެނެރޭޝަން (ދަ ގޭންގް) އަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ ޓޮޕް ފްލައިޓް (ފުރަތަމަ ޑިވިޝަން) ޓީމެކެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަން ކަށަވަރުކޮށްފައިވާ ދަ ގޭންގަކީ ޅަ ޓީމެއް ނަމަވެސް ކްލަބުގެ މިސްރާބު ހުރީ ރަނގަޅު ދިމާލަށެވެ. ހާއްސަކޮށް 2016 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ނަގައި، މިއަހަރު ދެވަނަ ޑިވިޝަން އުފުލައިލުމަކީ ކްލަބަށް އިތުބާރު ލިބިގެންދިޔަ ކަމެކެވެ.

ކާމިޔާބީގެ ފަހަތުގައި ޓީމެއްގެ މެނޭޖުމަންޓާއި ކޯޗުން، ހާއްސަކޮށް ކުޅުންތެރިންގެ ހިއްސާ ބޮޑުވާނެއެވެ. ދަ ގޭންގާއެކު ދެވަނަ ޑިވިޝަނަށް ނުކުތް ކޯޗު، ފަރީދު މުހައްމަދު (ފަރިއްޓޭ) އަށްވެސް ކޯޗެއްގެ ގޮތުގައި ފުރަތަމަ ތަޖުރިބާ މިއީއެވެ. ކުރިން ފުރަތަމަ ޑިވިޝަންގެ ނިއު ރޭޑިއަންޓާއި ކްލަބު ގްރީން ސްޓްރީޓްސްގެ އެސިސްޓެންޓް ކޯޗުގެ މަގާމުން ފެނިގެންދިޔަ ފަރިއްޓޭ އިއްޔެގެ މެޗަށް ފަހު އޭނާގެ ތަޖުރިބާ ހިއްސާ ކުރިއެވެ.

"އަޅުގަނޑުގެ ފުރަތަމަ ތަޖުރިބާ މިއީ. ހަގީގަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެން މިދިޔައީ. ކުރިން އެސިސްޓެންޓެއްގެ ގޮތުގައި ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގައި މަސައްކަތް ކޮށްފައި ހުންނާނީ. މިއީ އަސްލު އަޅުގަނޑަށް ޓެސްޓެއް. ކިހާ ހިސާބަކަށް ދެވޭނެތޯ. ކުޅުންތެރިންނާ މެނޭޖުމަންޓުގެ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކޮށްލަން،" ފަރިއްޓޭ ބުންޏެވެ.

ފަރިއްޓޭ ބުނީ ދަ ގޭންގަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ކާމިޔާބީގައި ކުޅުންތެރިންގެ ބުރަ މަސައްކަތާއި މެނޭޖުމަންޓްގެ ހިއްސާ ބޮޑު ކަމަށެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް މިއީ، ތިންވަނަ އަހަރު މިއީ ދެވަނަ ޑިވިޝަންގައި. މި ކާމިޔާބީގައި މެނޭޖުމަންޓް ވަރަށް ބޮޑަށް ހިއްސާ ވާނެ. ގެނައި ކުޅުންތެރިންވެސް ރަނގަޅުވީމަ މިކަން ވީ. ހުރިހާވެސް ޝުކުރެއް އޮތީ ކުޅުންތެރިންނަށް. ކުޅުންތެރިންގެ ބުރަ މަސައްކަތް މިއީ. ވަރަށް އުފާވޭ އަޅުގަނޑު،" ފަރިއްޓޭ ބުންޏެވެ.

ރާއްޖޭގެ އޮނިގަނޑު ކުރިން އޮންނަ ގޮތުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށްވެސް ލިބޭނީ ފުރަތަމަ ޑިވިޝަންގެ ޕްލޭ އޮފް ޖާގައެކެވެ. އެހެން ނަމަވެސް މިދިޔަ އަހަރު އޮނިގަނޑަށް ގެނައި ބަދަލާއެކު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަގީންވާނެއެވެ. ފައިނަލްގައި ކުޅެ ބަލިވާ ޓީމަށް ޕްލޭ އޮފްގެ ފުރުސަތު ލިބޭނެއެވެ.

ދަ ގޭންގްގެ ކޯޗު ފަރިއްޓޭ ބުނީ އެފްއޭއެމްއިން ގެނައި ހެޔޮ ބަދަލަކީ ދެވަނަ ޑިވިޝަންގެ ޓީމުތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، އެކަމަށްޓަކައި އެފްއޭއެމްއަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާ ކަމަށެވެ.

"އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުންވޭ އެފްއޭއެމްއަށްވެސް. ހާއްސަކޮށް ބައްސާމަށް. ކުރިން ވެއްޖެއްޔާ ސެކަންޑް ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ނެރުމަކީ ހަނގުރާމައެއް ކަހަލަ ކަމަކަށް ވެފައި މި އޮންނަނީ. މިހާރު ވެއްޖެއްޔާ ހަމަ ސީދާ ޗެމްޕިއަން ޓީމަށް ސްޓްރެއިޓް ސްޕޮޓެއް މި ލިބެނީ. އެހެންވީމަ ޓީމުތަކަށް އިތުރު ހިތްވަރެއް އެބަ ލިބޭ މަސައްކަތް ކުރަން،" ފަރިއްޓޭ ބުންޏެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލްގައި އިއްޔެ ޖޭޖޭ ސްޕޯޓްސްއާއި ދަ ގޭންގް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި ދަ ގޭންގުން ޖޭޖޭ ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.