08 May 2018, 22:45
އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން، މާލޭގައި ފެން ފޯރުކޮށް ދިނުމަށްޓަކައި ފެން އުފައްދާ ދެވަނަ މަރުކަޒު، "އާރުއޯ އެނެކްސް އެކެއް" ހުޅުވައިފިއެވެ.
ހަވީރީ ހިނގުމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް އެވެ. މިއީ އެކުންފުނިންް މާލޭގައި ފެންއުފެއްދުމަށްޓަކައި ގާއިމުކުރި ތިން ވަނަ މަރުކަޒެވެ.
މިރޭ ހުޅުވިގެން މިދިޔަ އާރްއޯ އެނެކްސް އެކެއް ޕްރޮޑަކްޝަން ސެންޓަރަކީ، ދުވާލަކު 2,000 ކޮޑިމީޓަރުގެ ފެން އުފެއްދުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ތަނެއް ކަމަށް އެމްޑަބުލިއުއެސްސީން ވަނީ ބުނެފައެވެ. އަދި 3،000 ކޮޑިމީޓަރުގެ ފެން ރައްކާކުރުމުގެ ގާބިލްކަންވެސް އެ ސެންޓަރަށް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އާރްއޯ އެނެކްސް އެކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެމްޑަބްލިޔުއެސްސީ އިން ފެނުގެ ސެކިއުރިޓީ އަދި ނަރުދަމާ ނިޒާމް ހަރުދަނާ ކުރުމަށް ޕްލޭންތަކެއް އެކުލާވާލައި، 300,000 މީހުންގެ އާބާދީ އަކަށް އެކަށީގެންވާ ގޮތަށް ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުން ދާ ކަމަށެވެ.
"ހަމަ އެއާއެކު ފެން އުފައްދާ ކެޕޭސިޓީގެ އިތުރުން ފެން ރައްކާކުރާ ކެޕޭސިޓީވެސް މިޕްލޭންގެ ދަށުން އިތުރުކުރުމަށް ހަމަޖެހިފައިވާއިރު މާލޭއާއި ހުޅުމާލޭގެ ނެޓްވޯކް ގުޅުވާލުމަށްޓަކައި ބްރިޖު މެދުވެރިކޮށް ހޮޅިލައިން އަޅައި، ގްރޭޓަރ މާލޭ ރީޖަންއަށް ރައްކާތެރިކަމާއެކު މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެ،" ފަޒުލް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފަޒުލް ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަގުސަދަކީ މާލެ އަދި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލައި، ބޭނުންވާ ފެން ކޮންމެ ހިނދެއްގައި ބްރިޖް މެދުވެރިކޮށް ޕަމްޕު ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.
"މިއީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފެނުގެ ސެކިއުރިޓީ މުޅިން ޔަގީންކޮށްދިނުމަށްޓަކައި އަދުގެ ސަރުކާރުން އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއް،" ފަޒުލް ވިދާޅުވި އެވެ.
އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ފެން އުފައްދާ އިތުރު ކާރުޚާނާއެއް ހުޅުވިގެން ދިއުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހޯދުނު އިތުރު ކާމިޔާބީއެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފަސޭހަ ޚިދުމަތްތަށް ފޯރު ކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ބޮޑުތަކުރުފާނުމަގުގައި މިދިޔަ އަހަރު ގާއިމް ކުރެވިގެންދިޔަ އާރްއޯ އެނެކްސްގައި ބެހެއްޓިފައިވާ ފެން ޕްލާންޓަކީ ދުވާލަކު 5،000 ކޮޑިމީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ.