އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކުރާ ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫވެސް މިއަދު މާލެ އަތުވެއްޖެއެވެ.

ފޯކައިދުއާއި ތިމަރަފުށި ވާދަކުރާ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.

ފައިނަލްގައި ވާދަކުރާ ދެ ޓީމު މިއަދު މާލެ އައިސްފައިވާ އިރު، ދެ ޓީމުގެ ފަރިތަކުރުން މިރޭ، މާފަންނު ޓާފް ދަނޑުގައި ކުރިއަށްދާނެއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލަށް ތ. ތިމަރަފުށި ދަތުރުކުރީ ސެމީ ފައިނަލްގައި ބ. ފެހެންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޒޯން ޗެމްޕިއަނުންގެ ގޮތުގައި ފައިނަލް ބުރަށް ދިޔަ ތިމަރަފުއްޓަކީ ފ. ނިލަންދޫގައި ކުރިއަށް ދިޔަ ގްރޫޕް އެކެއްގެ އެއްވަނަ ޓީމެވެ. ތިމަރަފުށި ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައިވެސް ކުޅެފައެވެ.

ށ. ފޯކައިދޫން ޒޯން ޗެމްޕިއަނުންގެ ގޮތުގައި ފައިނަލަށް ގޮސް، ސެމީއަށް ދިޔައީ ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ފ. ނިލަންދޫ ބަލިކޮށް ފޯކައިދޫން ފައިނަލަށް ގޮސްފައިވާ އިރު، ފޯކައިދުއަކީ ދިވެހި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ނަމެކެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް މިއަަހަރުވެސް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދީފައިވާ އިރު، އެ ހަތަރު ޓީމަކީ ބ. ފެހެންދޫ، ފ، ނިލަންދޫގެ އިތުރުން ށ. ފޯކައިދުއާއި ތ. ތިމަރަފުއްޓެވެ.