08 May 2018, 19:16
ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރި މުހައްމަދު ޝަނޫން ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
މިދިޔަ އަހަރު ޝަނޫން ވަޒީފާ އިން ވަކިކުރި މައްސަލަ އޭނާ ވަޒީފާއާ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު މިއަދު ނިންމި ނިންމުގައި ބުނެފައި ވަނީ ޕަބްލިކް ސާވިސް މީޑިއާގެ ވަޒީފާ އިން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އޭނާ ވަކިކުރަން ނިންމާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަށްފަހު ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށެވެ.
ވަޒީފާ އަލުން އިޔާދަކޮށްދިނުމަށް ޝަނޫން އެދިފައިވީނަމަވެސް، ވަޒީފާ އިން ވަކިކުރުމުގައި ދިމާވި ކަންކަމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއި، އަލުން ވަޒީފާ އިޔާދަކޮށްދިނުމަކީ އެންމެ އަދުލުވެރިގޮތް ކަމަށް ނުފެންނަ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ބަދަލުގެ ގޮތުގައި 59،700 ރުފިޔާ ޝަނޫނަށް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ޕަބްލިކް ސާވިސް މީޑިއާ އަށް އަންގާފައެވެ.
ޝަނޫން ވަޒީފާ އަދާކުރި މުއްދަތުގައި މަސައްކަތް ކުރި ދުވަސްތަކަށާއި ޗުއްޓީގެ ބާކީވާ މުއްދަތަށް ލިބެންޖެހޭ 1،673.28 ރުފިޔާ އޭނާ އަށް ދިނުމަށް ވެސް ވަނީ އަންގާފައެވެ.
އެ ދެ އަދަދު އެއްކޮށްލުމުން ޖުމްލައަށްވާ 61،373.28 ރުފިޔާ މިއަދުން ފެށިގެން 20 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޝަނޫނަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ލިޔުމުން އެކަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެންގުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.