08 May 2018, 18:25
ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ތަހުގީގަށް ސުވާލު ކުރުމަށް ޔުމްނާ މައުމޫނު ވަކީލަކާ އެކު ޕޮލިހަށް ހާޒިރުވާން ފަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.
ވަކީލަކާ އެކު މިއަދު ފުލުހަށް ހާޒިރުވާން ޔުމްނާއަށް އިއްޔެ ފުލުހުން އެންގި ނަމަވެސް ޔުމްނާ މިއަދު ހާޒިރުވެފައިވަނީ ވަކީލަކާ ނުލަ އެވެ. ވަކީލުން ވަރަށް ބުރަކޮށް އުޅޭ ދުވަސްކޮޅެއް ކަމުން ވަކީލަކު ހޯދަން އުނދަގޫ ކަމަށް ފުލުހުންނަށް ޔުމްނާ ވަނީ އަންގާފަ އެވެ.
މިއަދު ފުލުހަށް ހާޒިރުވުމުން ވަކީލަކު އައްޔަން ކުރަން އިތުރު ފަސް ދުވަސް ޔުމްނާއަށް ވަނީ ފުލުހުން ދީފަ އެވެ.
ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޔުމްނާއަށް ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން ޔުމްނާ ފުލުހަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޔުމްނާ ފުުލުހަށް ހާޒިރުވާން އަންގާފައިވާ އިރު ހަމަ އެ ތުހުމަތުގައި އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމް އަދި ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.