ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ބޭސްފަރުވާގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައިވަނީ ގަވާއިދުގައި ނެތް މާއްދާއަކާ ހަވާލާދީ ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ބޭސްފަރުވާގެ މައްސަލާގައި އެކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ އެމައްސަލަ އެކޯޓަށް ނުބެލޭނެ ކަމަށެވެ.

ނުބެލޭނެ ކަމަށް ހަވާލާދީފައި ވަނީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދުގެ 4.1 އަދި 4.2 ވަނަ މާއްދާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އަދީބުގެ ވަކީލު ސިރާޖު ވިދާޅުވީ އެ ގަވާއިދުގައި އެ ނަމްބަރުގެ އެއްވެސް މާއްދާއެއް ނޯންނާނެ ކަމަށެވެ. ސިރާޖު ވިދާޅުވީ އެހެން ދިމާވަނީ ގާޒީން ފޮތް ނުކިޔާތީ ކަމަށެވެ.

"ތިން ޕޭޖުގެ ގަވައިދެއް އެއް ފަހަރު ކިޔާލިޔަސް އެނގޭނެ ގަވައިދުގައި 4.1، 4.2 ކިޔާ މާއްދާއެއް ނެތްކަން. އަޅުގަނޑުމެން މި މައްސަލަ އިސްތިއުނާފު ކުރާނަން،" ސިރާޖު ވިދާޅުވި އެވެ.

ހުކުމް އިއްވަވަމުން ގާޒީ އަލީ އަބްދުﷲ ވިދާޅުވީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދުމަށް އެދުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އަދީބު ހުށެހެޅުއްވި މައްސަލާގައި އެ ގަވާއިދުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުވާކަން ލިޔެކިޔުންތަކުގެ އިތުރުން އަދީބުގެ ބަހުން ވެސް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ސިވިލް ކޯޓުން ބެލޭނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުން ކަމަށް ހުކުމް އިއްވަވަމުން އަލީ އަބްދުﷲ ވިދާޅުވި އެވެ.

އަދީބުގެ ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށް ބުނެ އާއިލާ އިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އޭގެ އިތުރުން ވެސް ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު ބޭސްފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗު ކޮޅު ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައިވާ އަދީބަށް އެކި މައްސަލަތަކުގައި ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.