08 May 2018, 17:46
ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ރާއްޖެ އެތެރެކުރަމުންދާ ބިހަކީ ހެލްތު މިނިސްޓްރީން އަންގާފައިވާ ގޮތުގެ މަތިން ވިއްކާ ތަކެތިކަމަށް އެކުންފުނިން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވަނީ ޓްރީޓުމަންޓު ނުދީ އަދި ފިނި ނުކޮށް އިމްޕޯޓުކުރާ ބިސް ވިއްކަން ބެހެއްޓޭނީ އެ އުފެއްދި ތާރީޚުން ފެށިގެން 28 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
އެސްޓީއޯއިން މިއަދު ބުނެފައިވަނީ އެ ކުންފުނިން ބިސް އެތެރެކުރުމަށާއި ގުދަންކުރުމަށް ހަތް ދުވަސް ނަގާނެ ކަމަށާއި، އެއަށްފަހު ބިސް ވިއްކުމަށް 21 ދުވަސް ލިބޭ ކަމަށެވެ.
"އެސްޓީއޯއިން އެތެރެކުރާ އެންމެހައި ކާބޯތަކެތި ގެނެވެނީ މިނިސްޓްރީ އޮފް ހެލްތާއި އެމްއެފްޑީއޭގެ ގަވާއިދުތަކުގެ ދަށުން ކަމުގައާއި މުއްދަތު ހަމަވާން ކައިރިވެފައި ހުރި ނުވަތަ މުއްދަތު ހަމަވެފައި ހުރި ތަކެތި އެސްޓީއޯއިން އެތެރެކޮށް ނުވިއްކާނެކަމުގެ ޔަގީންކަން މިކުންފުނީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެސްޓީއޯއިން ބުންޏެވެ.
މިކަމާ ގުޅިގެން މީސް މީޑިއާއާއި އެހެނިހެން ތަންތަނުގައި ސައްހަ ނޫން މައުލޫމާތު ފަތުރަމުން ދާތީ ހިތާމަކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން މިއަހަރުގެ ރަމަޟާން މަހު ބިސް ވިއްކާ ރީޓެއިލް އަގަކީ ބިހެއް 1.5 ރުފިޔާއަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 270 ރުފިޔާއަށެވެ.