08 May 2018, 17:48
މިހަފްތާގެ ހުކުރު ދުވަހުގެ ރޭ އިންޑިއާގެ މުމްބާއީގައި "މޯލްޑިވިއަން ނައިޓް"ގެ ނަމުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ހަރަކާތެއް ބޭއްވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ތައްޔާރުވެއްޖެއެވެ.
މަޓާޓޯއިން ބުނިގޮތުގައި، އިންޑިއާގެ ވިޔަފާރި ނާރެސް ޝަހަރު މުމްބާއީގެ ފޯ ސީޒަންސް ހޮޓެލްގައި ބާއްވާ ރާއްޖޭގެ ޑެސްޓިނޭޝަން ޝޯކޭސް ހަރަކާތުގައި ދިވެހިރާއްޖެއާއި އިންޑިއާއިން 200 އަށް ވުރެ ގިނަ ޓްރެވަލް ޕްރޮފެޝަނަލުން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.
މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް (އަސޫ) ސިފަކުރެއްވި ގޮތުގައި މި އިވެންޓަކީ މަޓާޓޯގެ އެކްސްކްލޫސިވް އަދި "ވަން އޮފް އަ ކައިންޑް" ހަރަކާތެކެވެ.

މަޓާޓޯއިން މީގެ ކުރިން ބޭއްވި ހަރަކާތެއްގައި އެޖަމިއްޔާގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް (ވ) އަދި ޑީއެސްޖީ އަސްރާ ނަސީމް (ކ) -- ފޮޓޯ/ މަޓާޓޯ
މޯލްޑިވިއަން ނައިޓުގައި ރާއްޖޭގެ އަށް ފަރާތަކުން ބައިވެރިވާ އިރު، އިންޑިއާގެ 150 އަށް ވުރެ ގިނަ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން އިންޑިއާގެ މީޑިއާވެސް ބައިވެރިވާނެއެވެ.
ހުކުރު ދުވަހުގެ ހަރަކާތުގައި ވިޔަފާރި ބައްދަލުވުންތަކުގެ އިތުރުން ނެޓްވޯކިންގް ޑިނާއަކާއި ބައިވެރިވާ ވިޔަފާރިތަކުގެ ސްޓޭޖު ޕްރެޒެންޓޭޝަންތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ.
ދިވެހިރާއްޖެ ބޭރު ދުނިޔޭގައި ޕްރޮމޯޓުކުރުމަށް މަޓާޓޯއިން ގިނަ ހަރަކާތްތަކެއް ހިންގައި، އަދި ބައިނަލްއަގުވާމީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވާނެކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.
މޯލްޑިވިއަން ނައިޓަކީ މިއަހަރު މަޓާޓޯއިން އިސްނަގައިގެން އިންޑިއާގައި ބާއްވާ ތިންވަނަ ހަރަކާތެވެ. އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިއްސާ ބޮޑުވަމުން އަންނަ މާކެޓެކެވެ.