08 May 2018, 14:53
އދ. އަތޮޅުގެ ދެކުނު ބުރީގައި އޮންނަ ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ކުނިއަޅައި ގެއްލުންދޭ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.
އީޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އދ. ދެކުނު ބުރީ ރަންގަލި ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން ދިގުރަށުގެ އުތުރު ކަނާ ދޭތެރޭގައިވާ ރަށްތަކުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯ މީޓަރުގެ ސަރަހައްދަކީ 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދަށް ކުނިއެޅުމަކީ މަނާކަމެއް ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން އެ ސަރަހައްދަށް ކުނި އަޅާ ކަމަށާއި އޭގެ ތެރޭގައި ބަދިގޭ ކުންޏާއި އެހެނިހެން ކުނި ހިމެނޭ ކަމުގެ ޝަކުވާ ލިބޭ ކަމަށް ވެސް އެ އެޖެންސީ އިން ބުނެ އެވެ. އީޕީއޭ އިން ބުނީ އަރިއަދޫ ކަނޑުއޮޅި ކައިރިން ގިނަ އަދަދަކަށް ދޯނި ފަހަރުގައި ގޮސް ކުނިއަޅާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނޭ ފަދައިން މި ސަރަހައްދަކީ ފެހުރިއްސާއި އެންމަޑި އަދި އެހެނިހެން ދިރުންތައް އުޅޭ ސަރަހައްދަކަށް ވެފައި، މިގޮތަށް މި ސަރަހައްދަށް ކުނި އަޅާ ނަމަ އެކަމުގެ ނޭދެވޭ އަސަރު މި ދިރުންތަކަށް ކުރުމީ ވަރަށް ގާތްކަމެކެވެ." އީޕީއޭގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ އެ ދިރުންތައް ބެލުމަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ކަމަށާއި އެ ސަރަހައްދަށް ކުނިއެޅުމަކީ އެކަމުގެ ނޭދެވޭ އަސަރު ތިމާވެއްޓަށާއި ޓޫރިޒަމަށް ކުރާނެ ކަމަކަށް ވާތީ، އެ ސަރަހައްދަށް ކުނި ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"މިސަރަހައްދަށް ކުނިއަޅާ ފަރާތްތަކާ މެދު ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި ކުނިމެނޭޖުކުރުމާ ބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އެޅިގެންދާނެ އެވެ."
އީޕީއޭގެ ބަޔާނުގައި ބުނީ ފެހުރިއްސާއި އެންމަޑި ބެލުމުގެ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކުން އެސަރަހައްދުގައި އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ވެސް އެ އެޖެންސީ އަށް ލިބެމުންދާ ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.
ރޭގަނޑު ގަޑީގައި ބައެއް ފަރާތްތަކުން ފެހުރިހި އެރުވުމަށް ޓަކައި ދިއްލާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެ ސަރަހައްދަށް އެއްފަހަރާ މާ ގިނަ މީހުން މޫދަށް އެރުމާއި އެ ސަރަހައްދަށް ވައްދަން ހުއްދަ ކުރާ ވަރަށް ވުރެ ބޮޑެތި އުޅަނދުތައް ނުވެއްދުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.