ރާއްޖޭގެ ގާނޫނުއަސާސީ އާ އެއްގޮތަށް ބާއްވާ އެއްވެސް ޕްރައިމަރީ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބައިވެރިވެ ވަޑއިގަނެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަޒްލީން މިއަދު "ސަން" އަށް ވިދާޅުވީ ޖަލަށް ލާފައި ހުރިބޭފުޅަކަށް އެއްވެސް ޕްރަައިމަރީއެއްގައި ބައިވެރި ނުވެވޭނެ ކަމަށާއި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިކުރުމަށް އުޅެނީ އެޕާޓީގެ ޕްރައިމަރީގައި ބައިވެރިވާނެ އިތުރު ބޭފުޅަކު ނެތުމުން ކަމަށެވެ.

"ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ބޭފުޅަކު ނެރެން މަސައްކަތް ކުރެއްވުމަކީ ފޫނެއްފަޔަށް ފެންފުރުން ކަހަލަ ކަމެއް،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅު ވަނީ އެމްޑީޕީގެ ފަރާތުން ރިޔާސީ ޕްރައިމަރީގަައި ބޭފުޅަކު ނުނެރެން ކަމަށާއި ޕްރައިމަރީއަށް ބޭފުޅަކު ނެރެފިނަމަ އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެ ނިމުނީކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް މިހާތަނަށް އިދިކޮޅު ފަރާތްތަކަށް ދެއްކިފައި ނުވާތީ އެކަމަށް އަލިއަޅުވާލައްވައި އަޒްލީން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ނެރެން އުޅޭ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް ވަރަށް ޔަގީން ކަމާއެކީ އެނގިލައްވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީއަށް އެމަނިކުފާނަށް ކެމްޕެއިންކޮށްދިނުމަށް، ކެމްޕެއިން މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ހަމަޖައްސަވާފައެވެ.