08 May 2018, 13:33
ބެއިޖިން (މޭ 8): ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ އިސް އޮފިޝަލެއްގެ މައްޗަށް ރިޝްވަތު ނެންގެވި ކަމުގެ ދައުވާ ސާބިތުވެ، އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ޗައިނާގެ އެންމެ ބާރުގަދަ ކޮމިޓީކަމަށްވާ ޕޮލިޓްބިއުރޯގެ ކުރީގެ މެމްބަރެއް ކަމަށްވާ ސުން ޖުންޗައިގެ މައްޗަށް ވަނީ ރިޝްވަތުގެ ގޮތުގައި 26.7 މިލިއަން ޑޮލަރު ގަބޫލު ކުރެއްވިކަން ސާބިތުވެފަ އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާގައިވާ ގޮތުން ޖުންޗައި ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި މައްސަލަ އިސްތިއުނާފު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ދެހާސްބާރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޝީ ޖިންޕިންގް ވަނީ ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް ހާއްސަ ކެމްޕެއިނެއް ފައްޓަވައިފަ އެވެ.
އެކެމްޕެއިންގެ ދަށުން ޖަލަށްލާފައިވާ އެތައް ހާސް އޮފިޝަލުންގެ ތެރޭގައި ކޮމިއުނިސްޓު ޕާޓީގެ އިސް މެމްބަރުންނާއި އަސްކަރިއްޔާގެ އޮފިޝަލުން ހިމެނެ އެވެ. ނަމަވެސް ޗައިނާގެ ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ އިދިކޮޅު ފަރާތްތަތަކުގެ އަޑު ކަނޑުވާލުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށް ބުނެފަ އެވެ. (ބީބީސީ)