އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް މައުލޫމާތާއި ސިޓީ ފޮނުއްވުމަށް ގާއިމުކޮށްފައިވާ ގަވަރުމެންޓް އީ ލޭޓާ މެނޭޖްމެންޓް ސިސްޓަމް(ޖެމްސް)ގެ ހިދުމަތް މެދުކަނޑުލުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިވެ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިއަދު ހެނދުނު އެވެ.

އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލާ ހިސާން ހުސެއިން ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރަން ގެންގޮސްފައި ވަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހުކުމްކޮށްފައި ވަނީ އެހެން ބަޔަކު ކުރި ކަމެއްގެ މައްޗަށް ބަލާފައި ކަމަށެވެ.

"އުއްތަމަ ފަނޑިޔާރު މި މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާނެ. ދެން އަޅުގަނޑުމެން ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދާނަން،" ހިސާން ވިދާޅުވި އެވެ.

އެމައްސަލައިގެ އިތުރުން ވެސް އިތުރު ދެ ދައުވާއެއް އުއްތަމަ ފަނޑިރުގެ މައްޗަށް އުފުލައި ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެއީ އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އުޅުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒުވުމުގެ ދައުވާ އެވެ.