08 May 2018, 13:15
ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތުހަމަވާ ދަރިވަރުން އެ ސްކޯލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަން އިން ކުރި އިއުލާނެއްގައި ބުނީ އެ ސްކޮލާޝިޕަށް ޝަރުތު ހަމަވާނީ ސްކޫލުތަކުގެ ސާނަވީ އިމްތިހާން 2017 ވަނަ އަހަރުގެ އޮކްޓޯބަރު، ނޮވެންބަރު މަހު ނުވަތަ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން 5A ފާސް ހޯދާފައިވާ ދަރިވަރުން ކަމަށެވެ.
ހައި އެޗީވާސް ސްކޯލާޝިފުގެ ދަށުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރާއްޖޭގެ އިތުރުން ސާކްގެ އެހެން ގައުމުތަކާއި މެލޭޝިއާ، ތައިލެންޑް، ފިލިޕީންސް ނޫނީ ޗައިނާ ގައެވެ.
އެ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ދޭނީ ސްކޮލާޝިޕް ލިބުނު ފަރާތުން އިޚްތިޔާރުކުރި ކޯސް، ޑީއެޗްއީ އިން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ގައުމެއްގައި ހެދުމަށް ހިނގާ ޚަރަދާ އެއްވަރު ނުވަތަ އެއަށް ވުރެ އަގު ހެޔޮކޮށް ކިޔެވޭ ނަމަ އެވެ.
އެެއްވެސް ޚަރަދެއް އިތުރުވާ ނަމަ، އެ ޚަރަދެއް ޑީއެޗްއީ އިން ދޭ ސަޕްލިމެންޓްރީ ލޯނުގެ ތެރެއިން ދަރިވަރު ދައްކަން، ނުވަތަ އަމިއްލަ ފައިސާ އިން އެ ޚަރަދާ ޒިންމާވާނެ ކަމުގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ލިސްޓުގައި ނުހިމެނޭ ގައުމަކުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ހައި އެޗީވާސް ސްކޯލާޝިޕަށް ކުރުމަތިލުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.