ގުޅިގެން އިސްލާހު ގެންނަން ކަމަށް ބުނެ، އެއްޓީމެއް ހަދައިގެން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ އެއް މަގުސަދެއްގައި ކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައީސް އޮފީހުގެ ލީގަސް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ރައީސް ނަޝީދާ ބައިއަތު ހިއްޕަވައިގެން އެއް ޓީމެއް ހަދައިގެން މަސައްކަތް ކުރީ އެއް މަގުސަދަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ.

"މިއަދު މިއޮތީ އެކަން ފެންނަން ނޫންތޯ. އެއްކަމެއްތޯ މި ހާސިލުވީ. ރައީސް ނަޝީދުގެ މަގުސަދުތޯ އަސްލުގައި ހާސިލު ނުވަނީ. އެބޭފުޅުންގެ މަގުސަދުތޯ ހާސިލުވީ،" އާޒިމާ ވިދާޅުވި އެވެ

އާޒިމާ ވިދާޅުވީ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެވޭތީ އެހެން މީހަކަށް ވެސް ވާދަ ނުކުރެވޭ ގޮތް ހެދީ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ނަޝީދާ އެއްބައިވެގެން ނަޝީދު ބޭނުންވި ކަމެއް ކޮށްދެވުނީ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގައި ދިޔަ ކަންކަމަށް ބަލާއިރު ރައީސް ނަޝީދާ ދެކޮޅަށް މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުން މިހާރު ތިބީ ބާކީވެ، ސިޔާސީ މައިދާނުން އެކަހެރި ކުރެވިފައި ކަމަށް އާޒިމާ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެން އެންމެ އިހުތިރާމު ކުރި ކުރީގެ ރައީސް، ދެން ގާސިމް އިބްރާހިމް. އޭނަގެ ދަރިކަލުން. އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތް ކުރި އެތައް އެމްޕީންނެއް. ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބު ބާތިލު ކުރެއްވި ކަމަށް އެބޭފުޅުން ވިދާޅުވާ ފަނޑިޔާރުން. މިހުރިހާ ބޭފުޅުންނަށް މިހާރު މިތިބީ އެކި ގޮތްގޮތުން ދެރަ ގޮތްގޮތެއް ނުވަތަ ހުކުމްތަކެއް އައިސްފައި. ހަމަ އެކަނި ރައީސް ނަޝީދު ދެއްތޯ މީގެން ގެއްލުމެއް ނުވާ ބޭފުޅަކަށް މިހުންނެވީ،" އާޒިމާ ވިދާޅުވި އެވެ.

އެކަމުން އެހެން މީހުންނަށް ވިސްނެނީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށާއި އެހެން ނަމަވެސް އެކަމަނާއަށް ވިސްނެނީ، "މިއީ ބަދަލު ހިފުމުގެ" ކަމެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ނުކުމެ އެތައް މުޒާހަރާއެއް ކުރި ނަމަވެސް ޝަރީއަތާ ހަމައަށް ގޮސް ޝަރީއަތް ނިމެންދެން ބަންދުކުރަން ހުރިހާ ބޭފުޅުންގެ މައްޗަށް އަމުރު ކުރި ދުވަހުން ފެށިގެން މުޒާހަރާ ވެސް ނުކުރާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި އެބޭފުޅުން ދޫކޮށްލަން ގޮވާލާތަނެއް ވެސް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ހިތަށް އަރާ ސުވާލު. ވަރަށް މާފު ބަޔަކު ހިތްހަމަ ނުޖެހިދާނެ މިހެން ބުނެވުނީމަ. އެކަމު މިވެސް ހަމަ ހަގީގަތޭ ދެއްތޯ ވިސްނާލަން ޖެހޭ. އަޅުގަނޑު އަބަދު ވެސް ދަންނަވަމުން ގެންދިޔައިން ދެއްތޯ ރައީސް ނަޝީދާ ބައިއަތު ހިފައިގެން ކޮން ކަމެއްހޭ ކުރެވޭނީ،" އާޒިމާ ވިދާޅުވި އެވެ.