ދެހާސް ތޭރަވަނަ އަހަރު އޮޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ކުރިމަތިލެއްވީ ސިޔާސީ ބޭފުޅަކާ ނޫން ކަމަށާއި އެމަނިކުފާނު ޗެލެންޖް ކުރެއްވީ އިޖްތިމާއީ ބޮޑެތި މައްސަލަތަކާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރުއުގެ ދަށުން ފްލެޓް ދިނުމަށް ފޯމް ދޫކަރަން ފެށުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނެސްދެއްވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގެދޮރުގެ ދަތިކަން ކަމަށާއި ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ އެންމެ ފުރަތަމަ ދުވަހުން ފަށައިގެންވެސް މަސައްކަތް ކުރެއްވީ އެ މައްސަލަ ހައްލުކުރައްވަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހާއްސަކޮށް މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެގެން ދިޔައީ ކުރީ ސަރުކާރު ތަކުން އެކަމާ މެދު ފަރުވާކުޑަކޮށްފައިވާތީ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ބޮޑު މައްސަލައަށް ބޮޑު ހައްލެއް ހޯއްދަވައިދެއްވަން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ކުރެވެމުންދިޔަ މަސައްކަތް ދިގު ލައިގެން ދިޔައީ ކަމުގެ ބޮޑު ކަމުން ކަމަށާއި ދައުރު ފެށުނީއްސުރެ އެ މަސައްކަތް ކުރެވެމުންދިޔަ ކަމަށެވެ. އަދި ވިދާޅުވީ، ހުރިހާ މަސައްކަތަކަށްފަހު މިއަދު ރައީސް ޔާމީން ބޯހިޔާވަހިކަމުގެ ހައްލު ގެނެސްދެއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމަކީވެސް ބޯހިޔާވަހިކަމަށް ދިމާވެފައިވާ ގޮންޖެހުން ހައްލު ކުރުމަށް އެމަނިކުފާނު ދުރާލައި ވިސްނުންފުޅު ބަހައްޓަވައިގެން ކުރެއްވި މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، ހިޔާ މަޝްރުއު ހަގީގަތަކަށްވެ ހިނގައިގަންނަން ފެށުމުން އެތައް އާއިލާއަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އަލަށް އިމާރާތް ކުރެވޭ ފްލެޓް ތަކުގެ ފައިދާ ސީދާ ގޮތެއްގައި އަދި ނުސީދާ ގޮތެއްގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށްވެސް ކުރާނެ ކަމަށެވެ.