އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލުހުކުމެއް އިއްވުމާ ގުޅިގެން ޝަހީދެއްގެ ދަރަޖަ ލިބެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ކޯޓް ރޫމްގައި ހުންނަވައިގެންނެވެ.

މިއަދު ހެނދުނު 10ގައި ކްރިމިނަލް ކޯޓުގައި ތާވަލުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހުކުމް ކުރުމުގެ ޝަރީއަތް ބައިގަޑިއެއްހާ އިރު ފަހުން ފަށައި 45 ވަރަކަށް މިނެޓް ތެރޭ ވަނީ ނިންމާލައިފަ އެވެ. ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ހުކުމެއް ކުރައްވައި ނިންމަވާލެއްވުމަށް ފަހު ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ކޯޓް ރޫމް ދޫކުރައްވައި ނިކުމެވަޑައިގަތުމާ އެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ތެދުވެވަޑައިގަތެވެ.

އުއްތަމަ ފަނޑިޔާރު ތެދުވެވަޑައިގެން ޝަރީއަތުގެ މަޖިލިސް އަޑުއެހުމަށް ވަދެ ތިބި އާންމުންނާއި ނޫސްވެރިންނަށް ހިނިތުންވުމާ އެކު ބައްލަވާލައި އަތްޕުޅުން ހަނާ އަޅުއްވާލައްވައި ދެތިން ބަސްކޮޅެއް ވިދާޅުވެލެއްވި އެވެ.

"އަދި މަރު ނުވޭ. ނަމަވެސް މި ލިބުނީ ޝަހީދެއްގެ ދަރަޖަ،" ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށް ފަހު ހައްޔަރުކުރި އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އަބްދުﷲ ސައީދު އެހެން ވިދާޅުވުމަށް ފަހު ގޮނޑި ކޮޅުގައި އިށީންނަވާ އެމަނިކުފާނުގެ ވަކީލުންނާ ވާހަކަފުޅު ދައްކަވަން ފެއްޓެވުމާ އެކު ކޯޓުގެ އޮފިޝަލުން ވަނީ މާފުށީ ޖަލު އޮފިސަރުން މެދުވެރުކޮށް އުއްތަމަ ފަނޑިޔާރު ކޯޓު ރޫމުން ގެންގޮސްފަ އެވެ.