ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް މައުލޫމާތާއި ސިޓީ ފޮނުވަން ގާއިމުކޮށްފައިވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ޚިދުމަތް މެދުކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވެ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވި ހުކުމުގައި ބުނެފައި ވަނީ ހެކިންގެ ހެކިބަހަށް ބަލާ އިރު އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ހުކުމް އިއްވަވަމުން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ހެކިންގެ ހެކިބަހަށް ބަލާ އިރު ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަންގަވާފައިވާކަން ސާބިތުވާ ކަމަށާއި އެކަން ނަފީކުރެވޭ ވަރުގެ ހެއްކެއް ދިފާއުން ހުށަހެޅިފައިނުވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ފަރާތުން ދިފާއުގައި ހަތަރު ހެއްކެއް ހުށަހެޅި އެވެ. އެއީ ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ އިސް މުވައްޒަފަކަށް އެންގި އިރު އަރިހުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ދެ މީހެކެވެ. ނަމަވެސް އަލީ ހަމީދު އާއި ހަސަން ސައީދުގެ ހެކިބަސް ކްރިމަނަލް ކޯޓުން ނަގައިފައެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން އަދަބާ ގުޅޭ ގޮތުން ދެ ފަރާތަށް ވަނީ ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވައިފަ އެވެ. އުއްތަމަ ފަނޑިޔާރުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އަދަބު ލުއިކޮށްދުނުމަށް އެދިވަޑައިގެންފަ އެވެ.

މީގެ ކުރިން އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެއްވެސް ބާވަތެއްގެ ކުށެއް ސާބިތުވެފައި ނުވާކަން ފާހަގަކޮށް ނޫރުއްސަލާމް ވިދާޅުވީ ގާނޫނުގައިވާ ހަތަރު މަހާއި 24 ދުވަސް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދިނުމަށެވެ. އަދި ގާޒީއަށް ލިބޭ އިހްތިޔާރުގެ ދަށުން އެ އަދަބު ޖޫރިމަނާއަށް ވެސް ބަދަލުކޮށް ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ނަމަވެސް ގާޒީ ނިންމެވީ ދައުލަތުން އެދުނު ގޮތަށް ހަތަރު މަހާއި 24 ދުވަހަށް އުއްތަމަ ފަނޑިޔާރު ޖަލަށް ލުމަށެވެ.