އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ ހެޑްކުއާޓާސްގައި ހުންނަ ރާއްޖޭގެ މިޝަނުން، ބޭރުގެ ޑިޕްލޮމެޓުންނަށް ދިވެހި ހެދިކާގެ ރަހަ ދައްކާލައިފިއެވެ.

އދ ގައި ހުންނަ ރާއްޖޭގެ މިޝަނުން ޓުވިޓާގައި އާންމުކުރި ލިޔުމެއްގައި ބުނީ "ހަވީރު ސައި"ގެ ނަމުގައި ބޭއްވި ހަރަކާތަކީ ރާއްޖޭގެ ސަގާފަތް ދައްކާލުމަށް ހިންގި ހަރަކާތެއް ކަމަށެވެ.

އެ ހަވީރު ސައިގައި ހުރި ހެދިކާތަކަކީ މުޅިންހެން ވެސް ރާއްޖޭގެ ކަނޑުމަހުން ތައްޔާރުކޮށްފައިވާ ހެދިކާކަމަށް ޓުވީޓުގައި ބުނެފައިވެއެވެ.

އދ.ގައި ބޭރުގެ ޑިޕްލޮމެޓުންނަށް ދިވެހި ހެދިކާގެ ރަހަ ދައްކާލުމަށް ބޭއްވި ހަވީރު ސައިގެ ތެރެއިން-- ފޮޓޯ: ނިއުޔޯކް ދިވެހި މިޝަން

އެ ހަރަކާތުގައި އދ.އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދާއި އޭނާގެ އަނބިކަބަލުން އަދި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ ކުރިންވެސް އދ.ގައި ރާއްޖޭގެ ސަގާފަތް ވަނީ ދައްކާލައިފައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އދ.ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވި ދިވެހި ވަފުދުގައި ހިމެނުނު ކަނބަލުން ވަނީ ދިވެހި ލިބާހުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދީފައެވެ.

އދ. ގައި ބޭރުގެ ޑިޕްލޮމެޓުންނަށް ދިވެހި ހެދިކާގެ ރަހަ ދައްކާލުމަށް ބޭއްވި ހަވީރު ސައިގެ ތެރެއިން-- ފޮޓޯ: ނިއުޔޯކް ދިވެހި މިޝަން

ނިއުޔޯކުގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ދިވެހި ހަތަރު ބޭކަނބަލަކު ދިވެހި ލިބާހުގައި ތަމްސީލު ކުރެއްވިއިރު އިތުރު ކަނބަލަކު ހުންނެވީ ދިވެހިން ޒަމާނުއްސުރެ ލަމުން އަންނަ ދިގުހެދުން ތުރުކުރައްވައިގެންނެވެ. ދިވެހި އެމްބަސީގައި މަސައްކަތް ކުރައްވާ ބޭރުގެ އަންހެން ބޭފުޅާވެސް ހުންނެވީ ދިގު ހެދުމުގައެވެ. އެ ބައްދަލުވުމުގައި ސަގާފީ ހެދުމެއްގައި ބައިވެރިވީ ދިވެހި ރާއްޖޭގެ ވަފުދުން އެކަންޏެވެ.