ވޮޝިންޓަން(މޭ 8): އެމެރިކާގެ ނިއު ޔޯކު ސްޓޭޓުގެ ބަންޑާރަ ނައިބު، އެރިކް ޝްނައިޑާމޭންގެ މައްޗަށް، ހަތަރު އަންހެނަކަށް އަނިޔާ ކުރުމުގެ ތުހުމަތު ކުރުމާ ގުޅިގެން އޭނާ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ޝްނައިޑާމޭން އިސްތިއުފާދެއްވީ އޭނާ ހަތަރު އަންހެނެއްގެ ގައިގައި ޖެހި ކަމަށް ބުނެ ނިއު ޔޯކާ މެގަޒިންގައި ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ. އޭގެ ތެރެއިން ދެ އަންހެނުންނަކީ ޝްނައިޑާމޭންގެ ކުރީގެ ދެ ލޯބިވެރިން ކަމަށް އެ ދެ އަންހެނުން ބުންޏެވެ.

އެގޮތުން މިޝޭލް މޭނިން ބެރިޝް އާއި ޓާންޔާ ސެލްވަރަތްނަމް ބުނި ގޮތުގައި ޝްނައިޑާމޭން ވަނީ މަސްތުވެގެން ހުރެ ތަކުރާރުކޮށް އެމީހުންގެ ގައިގައި ޖަހައިފައެވެ. އަދި އޭނާއާ ގުޅުން ކަނޑާލައިފި ނަމަ އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޝްނައިޑާމޭން ވަނީ އެތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. ނަމަވެސް އެތުހުމަތުތަކުގެ ސަބަބުން މިވަގުތު "ރަނގަޅަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބެލެވޭތީ"، އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް ވިދާޅުވެފައެވެ.

ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވަނީ އެތުހުމަތުތައް ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފައެވެ. (ބީބީސީ)