08 May 2018, 10:47
ހުޅުމާލެ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލަށް "ވައްކަންކުރަން ވަދެއުޅުނު" ދެމީހަކު ފިލަން މަސައްކަތްކުރަނިކޮށް ފުލުހުންގެ މަސައްކަތުން ހުއްޓުވައި ހައްޔަރުކޮށްފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެބްސައިޓްގައި މިއަދު އާންމުކުރި ބަޔާނުގައި ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު 03:40 އެހާކަންހާއިރު ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލު ފާރުމަތިން ފުންމާލައިގެން ފިލަން މަސައްކަތްކުރަމުންދަނިކޮށް ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރާއި 37 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 37 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ހިތިގަސްމަގު 3 ނަންބަރު ގޯޅިން ކަމަށާއި އަދި 20 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ 48 ނަންބަރު ފްލެޓް ކައިރިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެދެމީހުން ހައްޔަރުކޮށް، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލާއި ސްކޫލް ކައިރި ބަލައިފާސްކުރި އިރު، ފޯނަކާއި ދެ ދަތްގަނޑާއި ކަށިގަނޑުތަކެއްގެ އިތުރުން ދަބަހަކާއި އަންގި އާއި މާސްކެއް ފެނުނު ކަމަށެވެ. އަދި ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ހުޅުމާލޭގެ ތިންތަނެއް ފަޅާލައިގެން ވަނީ ވައްކަންކޮށްފަ އެވެ. އެ ފަހަރު ވައްކަންކޮށްފައި ވަނީ ދެ ފިހާރައަކާއި އަދި ސެލޫނަކުންނެވެ.