04 Sep 2011, 12:11
ވިލިމާލޭ މޫދުގައި މަރުވެފައި އޮއްވައި ފެނުނު ޒުވާނާ މަރުވީ ގެނބިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ވިލިމާލޭގައި މޫދަށް ގެނބިގެން އިއްޔެ މަރުވެފައި ވަނީ ވިލިމާލެ، ވިލީސިއާ، މުހައްމަދު ނާޖީ ނައީމު ކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އުމުރުން 29 އަހަރުގެ އެ ޒުވާނާ މަރުވެފައި ވަނީ އޮޔާ ދަމައިގަނެގެން ގޮސް، ގެނބި، ލޮނުބޮވުމުގެ ސަބަބުން ކަމަށެވެ.
ރައްޓެހި ކުދިންތަކަކާ އެކު ވިލިމާލޭ މޫދަށް އެރި އުޅެނިކޮށް ނާޖީ ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ އިއްޔެ 4:00 އެހާކަންހާއިރު އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނާޖީއާ އެކު ދެ ޒުވާނަކު މޫދަށް އެރިއުޅުނެވެ. އަދި އެ ތިން މީހުންނަކީ ވެސް ފަތަން އެނގޭ ތިން މީހުންނެވެ. އަދި އެތިން މީހުން ވެސް ތިބީ ފިންސާއި މާސްކް އަޅައިގެންނެވެ. ނާޖީ ކޮންޑުމައްޗަށް ލައިގެން އެއްގަމަށް ގެނައީ އަނެއް ދެ ކުދިން ކަމަށްވެ އެވެ.