ފަތުރުވެރިކަމަށް ކުއްޔަށްދޭ ތަންތަނުން ނަގާ އެކުއިޒިޝަން ފީތައް ކަނޑައަޅައި، ގެޒެޓުކޮށްފި އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން މިއަދު ގެޒެޓުކޮށްފައިވާ "ޓުއަރިސްޓް ރިސޯޓާއި، ހޮޓެލް، ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ އެކުއެޒިޝަން ކޮސްޓް ކޮސްޓުގެ އަދަދުތައް ކަނޑައެޅުމުގެ އުސޫލު"ގައި ބުނާ ގޮތުން އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމުގައި ސައިޒް ބަލާނީ، ވަކިން ކުއްޔަށްދޭ ސަރަހައްދާ ގުޅޭ ގޮތުން އެ މިނިސްޓްރީ އިން ފާސްކޮށްފައިވާ ކޮންސެޕްޓުގައި ބަޔާންކޮށްފައިވާ ސައިޒަށެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ކަނޑައަޅާ ޝަތުރުތަކެއްގެ މަތިން ވަކިން ކުއްޔަށްދޭ ސަރަހައްދުގެ އެކުއިޒިޝަން ކޮސްޓު ހިސާބުކުރުމަށް ފަހު، ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް އެއްފަހަރާ ދެއްކުމަށް އެންގުމުގެ ހައްގު މިނިސްޓްރީ އަށް ލިބިގެންވާ ކަމަށް އެ އުސޫލުގައިވެ އެވެ.

އަދި އެ ފައިސާ މީރާ އަށް ދެއްކުމުން ވަކިން ކުއްޔަށްދޭ ސަރަހައްދު ކުއްޔަށް ދިނުމާ ގުޅޭ އެގްރިމެންޓެއްގައި ކުއްޔަށް ހިފާ ފަރާތާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާ ދެމެދު ސޮއިކުރެވޭނެ ކަމަށް އެ އުސޫލު ބުނެ އެވެ. އަދި އެގްރިމެންޓް ސޮއިކުރުމަށް ފަހު، ވަކިން ކުއްޔަށްދޭ ސަރަހައްދު ހިއްކައި ނިމުމުން އެސަރަޙައްދުގެ ލޭންޑް ސާވޭ ރިޕޯޓު ހަދައި ފަތުރުވެރިކަމާ ބެހޭ ވުޒާރާ އަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އުސޫލު ބުނެ އެވެ.

އެކުއެޒިޝަން ކޮސްޓް ކަނޑައެޅުމުގައި ލީސް އެކުއެޒިޝަން ކޮސްޓާއި ރަށުގެ ބޮޑުމިން އަދި ބޭސް ރޭޓް ބަލާނެ އެވެ. އަގުތައް ކަނޑައާޅާފައި ވަނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ.

ލޭންޑް ސާވޭ ރިޕޯޓު ހުށަހެޅުމުން އެކުއިޒިޝަން ކޮސްޓަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ނަމަ، އެ ބަދަލުގެނެސް އައު އެޑެންޑަމެއްގައި ސޮއިކުރުމުގެ އިޚުތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީ އަށް ލިބިގެންވާ ކަމަށް އުސޫލު ބުނެ އެވެ.

އުސޫލާ އެކު އާންމުކޮށްފައިވާ އިކުއިޒިޝަން ކޮސްޓް އަގުތަކަށް ބަލާ އިރު އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ މާލެ އަތޮޅުންނެވެ. އެގޮތުން ޖުމްލަ އަގު 10 ހެކްޓަރަކަށް ހަ މިލިއަން ޑޮލަރު ޖެހެ އެވެ. އެންމެ ދަށްކޮށް ދައްކަން ޖެހެނީ ހއ، ހދ،ށ، ލ، ގއ، ގދ. އަދި އައްޑޫ ސިޓީ އިންނެވެ. އެއީ ބޭސް ރޭޓް ހެކްޓަރަކަށް 12،5000 ޑޮލަރެވެ.

އެ އުސޫލަށް އަމަލުކުރަން ނިންމާފައި ވަނީ ގެޒެޓު ކުރި ތާރީޚުން ފެށިގެންނެވެ.