08 May 2018, 09:59
ކާބުލް (މޭ 8): އަފްގާނިސްތާނުން މިދިޔަ މަހު އެގައުމުގެ ކުންޑުޒް ޕްރޮވިންސަށް ދިން ހަމަލާއެއްގައި 30 ކުޑަކުދިން މަރުވި ކަމަށް އދ.އިން ބުނެފި އެވެ.
އަފްގާން ސަރުކާރުން ބުނި ގޮތުގައި މިދިޔަ މަހުގެ ދޭއްގައި އެ ހަމަލާ ދިނީ ތާލިބާނުގެ އިސް 18 މެމްބަރަކަށް އަމާޒުކޮށެވެ. އަދި އެހަމަލާއާ ގުޅިގެން ތާލިބާނުން ވަނީ އާއްމުންގެ ގަޔަށް ބަޑި ޖަހައި، ގިނަ އަދަދެއްގެ މީހުން މަރައިފަ އެވެ.
ނަމަވެސް އދ.އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އަފްޣާން ސަރުކާރުން ދިން އެހަމަލާ އަމާޒުވީ ގުރުއާން ހިތުދަސްކުރި ކުޑަކުދިންނަށް ހާއްސަކޮށް ބޭއްވި ހަފްލާއަކަށެވެ. އަދި އެހަމަލާގައި 30 ކުޑަކުދިންގެ އިތުރުން ހަ ފިރިހެނަކު މަރުވެ، 51 މީހަކަށް އަނިޔާވި އެވެ.
މީގެ އިތުރުން، އެ ހާދިސާއާ ގުޅުން ހުރި ޑޮކްޓަރަކު ވިދާޅުވި ގޮތުގައި އަފްގާން ސަރުކާރުން ބުނި ގޮތާ ހިލާފަށް، މަރުވި އެއްވެސް ކުއްޖެއްގެ ހަށިގަނޑުން ވަޒަން ފެނިފައި ނުވެ އެވެ.
ތާލިބާނުން ވަނީ އެހަމަލާ ދިން ވަގުތު އެޖަމާއަތަކުގެ އެއްވެސް މެމްބަރަކު އެސަރަހައްދުގައި ނެތް ކަމަށާއި އެހަމަލާގައި 200 މީހުން މަރުވެ، ޒަހަމްވެފައިވާ ކަމަށް ބުނެފަ އެވެ.
އދ. އިން ވަނީ އެހަމަލާ ދިން ސަރަހައްދުގައި ތާލިބާނުގެ މެމްބަރުން ތިބި ކަން ޔަގީން ނުވި ނަމަވެސް، އާއްމުންގެ ސަލާމަތަށް ޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކާ ބެހޭ ގޮތުން ސުވާލު އުފެދޭ ކަމަށް ބުނެފަ އެވެ.
ތާލިބާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު އާސްޓްރެޓެޖީއެއް ތައާރަފް ކުރެއްވި ފަހުން އެގައުމުގެ ފައުޖުތަކާއި އަފްގާން ސިފައިން ގުޅިގެންދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. އަދި އެ ހަމަލާތަކުގައި މަރުވާ އާއްމުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް އދ.އިން ބުނެ އެވެ.
އެގޮތުން މިދިޔަ އަހަރު އަފްގާން ސިފައިންނާއި ބައިނަލްއަގުވަމީ ފައުޖުތަކުން ދިން ހަމަލާތަކުގައި 631 މީހަކު މަރުވެފައިވާ ކަމަށް އދ.ގެ ރިޕޯޓުގައިވެ އެވެ. އެއީ އަފްގާނިސްތާނުގައިދޭ ހަމަލާތަކުގައި މަރުވާ އާއްމުންގެ އަދަދު އެޖަމްއިއްޔާ އިން 2009 ވަނަ އަހަރު ރެކޯޑު ކުރަން ފެށި ފަހުން، އެގައުމުގައި އެއް އަހަރު ތެރޭ މަރުވި އެންމެ ގިނަ އަދަދެއްގެ މީހުން ކަމަށް އދ.އިން ފާހަގަ ކުރި އެވެ. (ބީބީސީ)