08 May 2018, 09:14
އިންޑިއާއަކީ މީގެ ކުރިން ރާއްޖެއަށް އެންމެ ބޮޑަށް އެހީވި ގައުމު ކަމަށާއި ނަމަވެސް މިހާރު އިންޑިއާއިން ރާއްޖެއަށް ދޭ އެހީ މަދުވެފައިވާ ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައާޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޗެންނާއީއަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ އިންޑިއާގެ ޕޮލިސީތަކަށް ގެނައި ބަދަލާ އެކު، އިންޑިއާއިން ކަންކަމާ މެދު ގޮތްނިންމުން ލަސްވާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޗައިނާއިން ރާއްޖޭގައި އިންވެސްޓްކުރާ މިންވަރު އިތުރުވެފައިވުމަކީ އިންޑިއާގެ މީޑިއާއާއި އެ ގައުމުގެ ސަރުކާރުގެ ކަންބޮޑުވުމެކެވެ.
ސަފީރު ވިދާޅުވީ އިންޑިއާއާ އަޅާ ބަލާ އިރު ޗައިނާއިން ރާއްޖެއަށް ދޭ އެހީއާ ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަދަދު ގިނަވެފައިވާ ކަމަށެވެ.
"އިންޑިއާގެ ހިއްސާ ވަރަށް ބޮޑަށް ދަށްވެއްޖެ. އެކަމަކު އެއްވެސް އެހީއަކަށް ނޫނެކޭ ނުބުނާނަން،"
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ސަފީރު ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މި ދައުރުގައި ރައްޔިތުންނަށް ގެނެސްދޭން ވައުދުވެފައިވާ ތަރައްގީ ފުރިހަމަކޮށް، އަލުން އާ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިންތިހާބު ކުރުން ކަމަށެވެ.
"ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވުމަށް. އެއަށް ފަހު ދެވަނަ ދައުރަކަށް ކުރިމަތިލައްވައި އިންތިހާބު ކާމިޔާބު ކުރެއްވުމަށް. ދެހާސް އަށަކުން ފެށިން ބަލާ ނަމަ ރާއްޖޭގައި އެތައް ޕްރޮޖެކްޓެއް ހަލުވި ސްޕީޑެއްގައި ދަނީ ކުރިއަށް،"
ބޭރުގެ އެހީ އާ ގުޅޭ ގޮތުން ސަފީރު ވިދާޅުވީ ރާއްޖެއިން އެއްވެސް ގައުމެއްގެ ހިލޭ އެހީއަށް މިހާރު ނޭދޭ ކަމަށާއި ރާއްޖެއިން އެދެނީ ލޯނު އެހީއަށް ކަމަށެވެ.
"ބައިލެޓްރަލް ޕާޓްނަރުންނާ އެކު އޮތް ގުޅުމުގެ ތެރެއިން ޕްރޮޖެކްޓުތަކަށް ފަންޑު ހޯދަނީ ލޯނު އެހީގެ ގޮތުގައި، ކޮންސެޝަނަލް ލޯނު މި ނަގަނީ. އިންޑިއާގެ އެގްޒިމް ބޭންކުން ވެސް ލޯނު އެހީ ލިބުނު ހައުސިން އަދި މަގު ހެދުމުގެ ޕްރޮޖެކްޓްތަކަށް،"
ސަފީރު ވިދާޅުވީ އިންޑިއާގެ އެހީ ހޯދަން އަބަދު ސަލާން ނުޖަހާނެ ކަމަށާއި އެހީ ދިނުމަށް އިސްނެގުމަކީ އިންޑިއާގެ ކަމެއް ކަމަށެވެ.
ސަފީރު ވިދާޅުވީ ޗައިނާއިން ބޮޑެތި އެހީދޭ ވާހަކަ ދައްކާއިރު އިންޑިއާއަކީ ވެސް މުއްސަނދި ގައުމެއް ކަމަށެވެ. އިންޑިއާގައި ވަސީލަތްތައް ވެސް އެބަހުރިކަން ސަފީރު ފާހަގަ ކުރެއްވިއެވެ.
"އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީވި. އަދި 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާގައި ވެސް އެންމެ ފުރަތަމަ އެހީވީ އިންޑިއާއިން. އޭގެ ފަހުން 2004 ސުނާމީގައި ވެސް އަދި ފެނުގެ ކާރިސާގައި ވެސް، ބޭނުން ވަނީ އިންޑިއާއަކީ އަބަދުވެސް އެއްބަނޑު ބޭބެއެއްގެ ގޮތުގައި އޮންނަން. ރަނގަޅު ބޮޑު ބޭބެއެއްގެ ގޮތުގައި އޮންނަން،" ސަފީރު ވިދާޅުވިއެވެ.