ދާކާ(މޭ 8): ރޮހިންގާ މުސްލިމުންގެ ނަސްލު ނައްތާލުމަށްޓަކައި މިޔަންމާ ސަރުކާރުން އެމީހުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި އެމީހުންގެ ގެދޮރާއި އަވަށްތައް އަންދައި ވަޒަނުން ބޭރުކޮށްލިއިރުވެސް ރޮހިންގާއިންގެ ހައްގުގައި ކަމެއް ކުރެވިފައި ނުވާކަމަށް އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން އެއްބަސްވެއްޖެއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި އިއްޔެ ނިމުނު އޯއައިސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނެރުނު ބަޔާނުގައި 53 ގައުމު ހިމެނޭ އެޖަމިއްޔާއަށް ރޮހިންގާއިންގެ ހައްގުގައި ކަމެއް ކޮށްދެވިފައިނުވާކަމަށް އަމިއްލައަށް އެއްބަސްވެ އެކަމާމެދު ދެރަވާކަން ހާމަކޮށްފައިވެއެވެ. އެޖަމިއްޔާގެ އަމީން އާންމު ޔޫސުފް ބިން އަލް އުޘައިމީން ވަނީ މިކަމަށްޓަކައި ރޮހިންގާއިންގެ ކިބައިން މަޢާފަށް އެދިވަޑައިގެން ދެން މުސްލިމުންގެ ހައްގުގައި މިފަދަ ފަރުވާކުޑަ އަދި ޒިންމާދާރު ކަމެއްނެތް ގޮތަކަށް އޯއައިސީ އަމަލު ތައް ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިސްލާމީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނިންމި ނިންމުންތަކުގެ ތެރޭގައި މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވާނެ ކޮމިޓީއެއް އެކުލަވާލުމާއި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގައި ވަގުތީ ގޮތުން ދިރިއުޅޭ ރޮހިންގާ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުން ހިމެނެއެވެ. އަދި ރޮހިންގާ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޓަކައި މިޔަންމާ ސަރުކާރުން އެމީހުންނާދެކޮޅަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކަށް އަބަދު ދިނުމުގެ ގޮތުންނާއި އެފަދަ ޖަރީމާތައް ހުއްޓުވުމަށް މިޔަންމާއާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ފިޔަވަޅު އެޅުމުގެ ކޭންޕޭނެއް ހިންގުމަށްވެސް އޯއައިސީން ނިންމިއެވެ.

އޯއައިސީގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ރޮހިންގާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ގެންދިއުމަށާއި އެމީހުންނަށް މިޔަންމާގެ ރަށްވެރިކަމުގެ ހައްގުދިނުމަށް މިޔަންމާ ސަރުކާރަށް މަޖްބޫރު ކުރުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވުމަށެވެ. މިކަމަށްވަނީ ޚާއްސަ ކޮމިޓީއެއްވެސް އުފައްދާފައެވެ. ރޮހިންގާއިންގެ ނަސްލު ނައްތާލުގެ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވަނީ މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުންގެ މައްޗަށެވެ. އަދި މިކަމަށް މަގުފަހިކޮށްދީ ހިއްވަރު ދިނުމުގެ ތުހުމަތު މިޔަންމާގެ އިސް ސިޔާސީ ލީޑަރު އަދި އެގައުމުގެ ދައުލަތުގެ ޗާނަސެލަރު އަންގްސަންގް ސޫކީ ގެ މައްޗަށްވެސް ވަނީ ކުރެވިފައެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގި ޖަރީމާތަކާ ގުޅިގެން އެމީހުންގެ އެތަށް ސަތޭކަ ބަޔަކު މަރުވެފައިވާއިރު އަމިއްލަ ވަޒަން ދޫކޮށް ރޮހިންގާއިންގެ ހަ ލައްކަ އެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ވަނީ ގޮސްފައެވެ. މީގެއިތުރުން މިޔަންމާ އިން އަދިވެސް ގެންދަނީ ރޮހިންގާއިންގެ އިންސާނީ ހައްގުތަކަށާއި ރައްވެރިކަމުގެ ހައްގަށް އިންކާރު ކުރަމުންނެވެ. (ނޫސއެޖެންސީތައް)