08 May 2018, 09:13
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގައި ޓީމް އިނގުރައިދޫ ބަލިކޮށް، ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސް އެސްސީން ގަދަ 16ގެ ޖާގައެއް ހޯދައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް، ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސްއާއެކު ގަދަ 16ގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ނޮއޭނާއާއި ދަނޑުގޯޅި އެސްސީއާއި ޓީމް ކޮޅުފުށި އަދި ލ. ގަން ފުޓްސަލް ކްލަބެވެ.
ރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުގައި އިނގުރައިދޫގެ މައްޗަށް ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސްއިން ކުރި ހޯދާފައިވަނީ 5-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސްއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އާދަމް ނާސިހު ކާމިޔާބުކޮށްދިން އިރު، ހުސައިން އަލީއާއި މޫސާ ހަސަން ފުޅު އަދި އަހްމަދު ޔާމީން ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މެޗުގައި އިނގުރައިދޫގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ސަނޫނެވެ.
ރޭ ކުޅުނު އެހެން މެޗުތައް ބަލައިލާ އިރު، އެފްސީ ހަނދު އަތުން ކްލަބު ގްރީން ސްޓްރީޓްސް މޮޅުވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. ހަނިމާދޫ ފުޓްސަލް ޓީމު އަތުން 4-1ގެ ނަތީޖާއަކުން ނޮއޭނާ މޮޅުވި އިރު، އެފްސީ ދަންނަ ނުދަންނަ އަތުން ދަނޑު ގޯޅި މޮޅުވީ 7-1ގެ ނަތީޖާއަކުންނެވެ. ވައިޕާސް އަތުން 4-2ގެ ނަތީޖާއަކުން ޓީމް ކޮޅުފުށި މޮޅުވި އިރު، ލުއްޗާޒް އަތުން ލ. ގަން ފުޓްސަލް ކްލަބު މޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިރޭ ކުރިއަށްދާނީ ތިންވަނަ ބުރުގެ ފަހު ތިން މެޗެވެ. މިރޭ 9:00ގައި ޕަންކް ހޫލިގަންސްއާއި ޑީ ސީ ޖޭ ބައްދަލުކުރާ އިރު، ހަމަ އެ ގަޑީގައި ޕާކްއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔާ ނުކުންނާނެއެވެ. އަދި މިރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ތިމަރަފުށި ޔޫތު ޕްލޭޔާސްއާއި ޔޫތު ރިވޮލިއުޝަން ކްލަބެވެ. އެ މެޗުތަކަށްފަހު ގަދަ 16ގައި ވާދަކުރާ ހުރިހާ ޓީމެއް ކަށަވަރުވާނެއެވެ.
ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 350,000 ރުފިޔާއެވެ.