ށ. ގޮއިދޫ ބޭސްފިހާރަގައި ކައުންސިލަރުން ނުކުމެ ނޫކުލަ ލުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން އެމްޑީޕީ އެކްޓިވިސްޓުން ނުކުމެ ރީނދޫ ކުލަ ލީ މައްސަލަ ހޫނުވެ، ފުލުހުން މައްސަލަ ބަލަން ފަށައިފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ގޮއިދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ކުރިން އެ ރަށުގެ ރައްޔިތުން ވެގެން ހިންގި ބޭސްފިހާރަ އަލުން ކައުންސިލް އިދާރާ އިން ހުޅުވަން މަސައްކަތް ކުރާ އިރު އެތަނުގައި އިއްޔެ ކައުންސިލަރުން ނުކުމެ ނޫކުލަ ލާފައިވާ ކަމަށެވެ.

އަދި އެކަމާ ރަށުގައި އުޅޭ އެމްޑީޕީ އެކްޓިވިސްޓުން ހިތްހަމަ ނުޖެހިގެން ރޭގައި ގޮސް ބޭސްފިހާރައިގެ ކުލަ ރީނދޫ ކުލަ އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ގޮއިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އެގޮތަށް އެމްޑީޕީ މީހުން ކަންތައް ކުރުމުން އެމްޑީޕީ މީހެއްގެ ދޯންޏަށް ބަޔަކު ގެއްލުންދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން އެ ދޯނީގެ އިންޖީނަށް ގެއްލުންދީ ދޯނީގެ ކުޑަ ދޮރުތަކުގައި ޖަހާފައި ހުރި ބިއްލޫރިތައް ތަޅާލައި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

ކުރިން ހުދާއި ރަތް ކުލަ ލާފައި ހުރި ބޭސް ފިހާރައި އަލުން ހުޅުވާ އިރު ކައުންސިލަރުން ބޭސްފިހާރައިގެ ކުލަ ނޫކުލަ އަށް ބަދަލު ކުރި މައްސަލަ އާ ގުޅިގެން ގޮއިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ރަޝީދު މިއަދު ވިދާޅުވީ ފުލުހުން މިހާރު އެކަން ބަލަމުން އަންނާތީ އެކަމާ ގުޅިގެން އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ.

ފުލުހުން ބުނީ އެ ރަށުގެ ބޭސް ފިހާރައެއްގައި ބަޔަކު ކުލަލީ މައްސަލައެއްގައި ރަށުގެ މަސްލަހަތު ގެއްލޭ ގޮތަށް ކަންތައްތަކެއް ހިނގާފައިވާތީ އެކަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އިތުރު އެއްޗެއް ވިދާޅެއް ނުވި އެވެ.