"ބެރިލީ ކީ ބަރްފީ"ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީގެ ފިލްމެއް ކުޅެން ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓްއަށް ލިބިއްޖެއެވެ.

އަޝްވިނީގެ ކުރިއަށް އޮތް ފިލްމުގެ ލީޑް ރޯލު ކުޅެން އާލިއާއަށް ހުށަހަޅާފައިވީ ނަމަވެސް އަދި އޭނާ އެ ފިލްމަށް ސޮއިކޮށްފައެއް ނުވެއެވެ.

"ސްޓޯރީ ވަރަށް ރީތި. ޝައުގުވެރިވޭ. ކުޑަކޮށް ޑިސްކަސް ކޮށްލަމުން މި ދަނީ،" ޑިމާންޑިން ބަތަލާ އާލިއާ ބުންޏެވެ.

އާލިއާ ބުނީ އަޝްވިނީއަކީ ތަފާތު މޮޅު ޑައިރެކްޓަރެއް ކަމަށާއި އޭނާ އާ އެކީ މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

އަޝްވިނީ އަކީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުންނެވެ. އާލިއާގެ ފިލްމެއް އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ހުކުރު ދުވަހުއެވެ.

ފިލްމު "ރާޒީ"ގެ ލީޑުން އާލިއާ ފެނިގެންދާއިރު އެ ފިލްމަކީ ޖަންގްލީ ޕިކްޗާޒް އާއި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

'ރާޒީ' ރިލީޒް ކުރަން ތައްޔާރުވެފައިވާ އިރު އާލިއާ މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ރަންބީރު ކަޕޫރު އާ އެކު 'ބްރަހްމާޝްތުރަ' އަދި ރަންވީރު ސިންގ އާއެކު 'ގަލީ ބޯއީ'ގައެވެ.