މި މަހުގެ 26 ވަނަ ދުވަހު ޔުކުރެއިންގެ ކިއޭވްގައި އޮންނަ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު އިންސާފް ކުރާނެ ރެފްރީއަކީ ސާބިއަގެ މިލޮރަޑް މަޖީޗް ކަމަށް ޔޫއެފާއިން އިއުލާންކޮށްފިއެވެ.

ރެއާލް މެޑްރިޑާއި ލިވަޕޫލް ކުރިމަތިލުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ކިޔޭވްގެ އެންއެސްސީ އޮލިމްޕިކްސްކީ ސްޓޭޑިއަމްގައެވެ.

އުމުރުން 45 އަހަރުގެ މަޖީޗްއަކީ 2009 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ރެފްރީއެކެވެ. މި ސީޒަންގައިވެސް އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ހަތަރު މެޗެއްގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގުގެ ދެ މެޗެއްގައި ރެފްރީކަން ކޮށްފައެވެ. މީގެ އިތުރުން މަޖީޗް ވަނީ މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ފައިނަލްގައިވެސް ރެފްރީކަން ކޮށްފައެވެ. އަދި 2016 ވަނަ އަހަރު ރެއާލްއާއި ސެވިއްޔާ ވާދަކުރި ޔޫއެފާ ސުޕާ ކަޕްގެ ރެފްރީއަކީވެސް މޖީޗެވެ.

މަޖީޗަކީ 2016 ވަނަ އަހަރުގެ ޔޫރޯއާއި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރެފްރީން ތެރޭގައިވެސް ހިމެނޭ ރެފްރީއެކެވެ. އަދި މީގެ އިތުރުން މިއަހަރު ޖޫން މަހު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕަށްވެސް އޭނާ ދާނެއެވެ.

މަޖީޗާއެކު އެސިސްޓެންޓުންގެ ގޮތުގައި ފައިނަލްގައި ރެފްރީކަން ކުރާނީވެސް ސާބިއާގެ ދެ އޮފިޝަލުންނެވެ. ހަތަރު ވަނަ އޮފިޝަލަކީ ފްރާންސްގެ ކްލިމެންޓް ޓާޕިންއެވެ.

މިދިޔަ ދެ އަހަރުވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދީ ރެއާލް މެޑްރިޑެވެ. 2016 ވަނަ އަހަރު ރެއާލްއާއި އެތުލެޓިކޯ ކުޅުނު ފައިނަލްގައި ރެފްރީކަން ކުރީ އިނގިރޭސިވިލާތުގެ މާކް ކްލަޓެންބާގެވެ. މިދިޔަ އަހަރު ރެއާލްއާއި ޔުވެންޓަސް ވާދަކުރި މެޗުގެ ރެފްރީއަކީ ޖަރުމަނުގެ ފެލިކްސް ބްރައިޗެވެ.