އެސްޓީއޯ މާލޭ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރި މެޗު ފަސޭހަ ކަމާއެކު ނިއުއިން ކާމިޔާބުކޮށްފިއެވެ.

މެޗަށް ނުކުތް އިރުވެސް ނިއު އޮތީ ތާވަލުގެ އެއްވަނައިގައެވެ. މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނިއުއިން ވަނީ ތާވަލުގެ އެއްވަނައިގައި އެޓީމުން ދަމަހައްޓަމުން އަންނަ ތިން ޕޮއިންޓްގެ ލީޑު އަނެއްކާވެސް ނަގައިފައެވެ. ދެވަނައިގައި އަށް މެޗުން 16 ޕޮއިންޓާއެކު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.

ނިއުއާއި ގްރީން ސްޓްރީޓްސް މިއަދު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު --- ފޮޓޯ/ އެފްއޭއެޕް

މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވަރުގަދައަށް ކުޅުނީ ނިއުއިންނެވެ. އެގޮތުން މެޗުގެ ތިން ވަނަ މިނެޓުގައި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލާއެކު ނިއުއިން ލީޑު ނެގިއެވެ. ލީޑަށްފަހު މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔަ ނިއުއިން ލީޑު ފުޅާކުރީ 18 ވަނަ މިނެޓުގައެވެ. ނިއުގެ ޑިފެންސްގެ އަރިމަތިން ކުޅެމުން ދިޔަ އަކުރަމް އަބްދުލްޣަނީ (އަކޫ) ނަގައިދިން ހުރަސް، ދަގަނޑޭ ބޮލުން ގޯލަށް ފޮނުވާލައިގެން ނިއުގެ ދެވަނަ ގޯލް ޖެހި އިރު، އެ ގޯލަކީ ދަގަނޑޭ މި ސީޒަންގައި ޖެހި 14 ވަނަ ގޯލެވެ.

ފުރަތަަމަ ހާފްގައި ދަގަނޑޭއަށް ވަނީ ހެޓްރިކް ހަދާނެ ފުރުސަތުވެސް ލިބިފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ގްރީންގެ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ގްރީންގެ ކީޕަރު، ސާގީ ސްމޮރޮޑިންނެވެ.

ހާފް ނިމްން ދަނިކޮށް ނިއުގެ ކީޕަރު އިމްރާން މުހައްމަދު (އިންމަ)އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުގައި މުހައްމަދު ފައިސަލް ވަނީ ކުޅެން ނުކުމެފައެވެ.

ނިއުއާއި ގްރީން ސްޓްރީޓްސް މިއަދު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު --- ފޮޓޯ/ އެފްއޭއެޕް

ހާފް ނިމުމުގެ ކުރިން ނިއުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ގްރީންގެ ޑިފެންސް ތެރެއިން ދަގަނޑޭ ދުއްވާލި ތުރޫ ބޯޅައަށް ގްރީން އޭރިއާ ތެރެއަށް ވަދެ ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ތިރީ ކަނަށެވެ.

މެޗުގެ ފުރަތަމަ ހާފްގެ ފަހު ކޮޅުގައި ގްރީންގެ ބިދޭސީ ޑިފެންޑަރު އޮލޭ އެފިމްޗަކްގެ ބަދަލުގައި މުހައްމަދު ނަޒާމް ކުޅެން ނުކުމެފައިވާ އިރު، ގްރީންއިން ވަނީ ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށްފައެވެ.

އެގޮތުން ހާފްގެ ކުރީ ކޮޅުގައި ގްރީނުން ވަނީ ނިއުގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ. ގްރީންގެ ކުރިއަށް ކުޅޭ އިބްރާހީމް ޝަފްރާޒްގެ ހަމަލާ ކީޕަރު ފައިސަލް ދިފާއުކޮށްފައިވާ އިރު، ގްރީންއަށް ވަނީ ނިއުގެ އޭރިއާ ތެރެއިން ނުރަސްމީ ހިލޭ ޖެހުމެއްވެސް ލިބިފައެވެ. ނިއުގެ ރިލުވާން ވަހީދު (ރިލޭ) ފަހަތަށް ޖައްސާލި ބޯޅައެއް ކީޕަރު ފައިސަލް ހިފުމުން ލިބުނު ނުރަސްމީ ހިލޭ ޖެހުން ގްރީންގެ ސޮބުލް އިލިއާ ފޮނުވާލި ނަމަވެސް އޭނާގެ ހަމަލާ ބްލޮކްވީ ވޯލްގައި ޖެހިފައެވެ.

އޭގެ އިރުކޮޅެއްގެ ފަހުން އިލިއާގެ އިތުރު ހަމަލާއެއް ފެނިގެން ދިޔައެވެ. ނިއުގެ އޭރިއާ ތެރެއިން ހުސްކޮށް ހުރެ އިލިއާ ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، އެޓީމުގެ ފޯވަޑް ރޮލެންޑް ރަސަލްއަށްވެސް ވަނީ މެޗުގައި ހުސް ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.

ގްރީންގެ ހަމަލާތަކަކަށްފަހުވެސް ގޯލް ޖެހީ ނިއުއިންނެވެ. ގްރީންގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވައިލައިގެން ނިއުގެ ހަތަރުވަނަ ގޯލް ކާމިޔާބު ކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ނިއުއާއި ގްރީން ސްޓްރީޓްސް މިއަދު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު --- ފޮޓޯ/ އެފްއޭއެޕް

ނިއުގެ ހަތަރު ވަަނަ ގޯލަށްފަހުވެސް އެޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން ސެންޓޭއަށް ލިބުނު ހުސް ދެ ފުރުސަތެއްގެ އިތުރުން ދަގަނޑޭއަށް ވަނީ ހެޓްރިކް ހަދާނެ ރަނގަޅު ތިން ފުރުސަތެއް ލިބި ނާކާމިޔާބުވެފައެވެ.

މެޗުގެ އިތުރު ވަގުތުގައި ގްރީންއިން ގޯލް ޖެހީ ނިއުގެ ކީޕަރު ފައިސަލަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ. ގްރީންގެ ގޯލް ކާމިޔާބުކޮށްދިނީ އިލިއާއެވެ.

މެޗުން ބަލިވެ ގްރީންއަށް ލިބެނީ އަށް މެޗުން އަށް ޕޮއިންޓެވެ. އެޓީމު އޮތީ ލީގު ތާވަލުގެ ހަ ވަނައިގައެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ވާދަކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީއެވެ. މެޗު ފަށާނީ މިރޭ 9:00ގައެވެ.