އާސެނަލް އަށް ދުވަހަކު ވެސް ނުކުޅޭނެ ކަމަށް އެ ކުލަބުން ލޯނުގެ ދަށުން ސަންޑަލޭންޑަށް ދޫކޮށްލާފައިވާ ޑެންމާކު ފޯވާޑް ނިކްލަސް ބެންޑްޓުނާ ބުނެފި އެވެ.

ބެންޑްޓުނާ މިހެން ބުނެފައި މިވަނީ އާސެނަލްއިން ލޯނުގެ ދަށުން ދޫކޮށްލިތާ ހަފްތާ އެއް ނުވަނީހެވެ.

އުމުރުން 23 އަހަރުގެ ފޯވާޑް ބެންޑްޓުނާ ހަ އަހަރު އާސެނަލުގައި ހުރިއިރު، އެކުލަބުގެ ސަޕޯޓަރުން އޭނާއާ ދެމެދު ދެކެނީ ދެ ގޮތަކަށެވެ. އެއްބަޔަކު އޭނާއަށް މޮޅު ކުޅުމެއް ދެއްކޭނެ ކަމަށް ގަބޫލުކުރާއިރު އަނެއް ބަޔަކު އެކަމެއް ގަބޫލެއް ނުކުރެ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކާރު އެކްސިޑެންޓެއް ވުމާއި ގުޅިގެން އާސެނަލްގެ ފުރަތަމަ އެގާރައިން ބެންޑްޓުނާ ވަރަށް މަދުން ނޫނީ ފެނިފައެއްނުވެ އެވެ. ސަންޑަލޭންޑަށް ބެންޑްޓުނާ މިސީޒަނުގައި ކުޅުނު ނަމަވެސް، އޭނާ އަކީ އަދިވެސް އާސެނަލްގެ ކުޅުންތެރި އެކެވެ.

"އަހަރެން ދުވަހަކުވެސް އާސެނަލަކަށް ނުދާނަން. ދިޔަ ނަމަވެސް ނުވެސް ކުޅޭނަން. ކާރު އެކްސިޑެންޓަށް ފަހު އަހަރެން އާސެނަލްގެ ފުރަތަމަ ޓީމުގައި ހިމަނާފައި ވަނީ ވަރަށް މަދު ފަހަރެއްގައި. އަހަރެންގެ ރަނގަޅު ކުޅުން ނުދެއްކޭތާ މިހާރު ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ. ސަންޑަލޭންޑަށް ކުޅުމަށްފަހު އެހެން ކުލަބަކަށް ބަދަލުވެވޭތޯ ބަލާނަން." ބެންޑްޓުނާ ބުންޏެވެ.