07 May 2018, 17:57
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ތަހުގީގަށް ސުވާލު ކުރުމަށް، ގާނޫނީ ވަކީލަކާ އެކު ފުލުހުންގެ އިދާރާ އަށް މާދަމާ ހާޒިރުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގައިފިއެވެ.
ފުލުހުން އެގޮތަށް އެންގީ ފުލުހުންގެ އެންގުމަކަށް މިއަދު ހަވީރު ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް އެކަމަނާ ހާޒިރުވުމުންނެވެ.
ފުލުހުން މިއަދު ޔުމްނާއަށް ދިން ޗިޓުގައިވާ ގޮތުން ޔުމްނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޔުމްނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު ހަމަ އެ ތުހުމަތުގައި އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމް އަދި ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.