07 May 2018, 16:15
މޮސްކޯ (މޭ 7): ރަޝިއާގެ ރައީސްކަމުގެ ހަތަރު ވަނަ ދައުރަކަށް ވްލަޑިމިއާ ޕުޓިން މިއަދު ހުވާކުރައްވައިފި އެވެ.
ހަ އަހަރުގެ ދައުރަކަށް ޕުޓިން އަނެއްކާ ވެސް ހޮވި ވަޑައިގެންނެވީ މާޗް މަހު ބޭއްވި ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބު ކުރައްވައިގެންނެވެ. އެއިންތިހާބުގައި ޕުޓިންއަށް ވަނީ 76 ޕަސެންޓު ވޯޓު ލިބިފަ އެވެ.
"ރަޝިއާއަށް ސުލްހަވެރި އަދި ތިޔާގި މުސްތަގުބަލެއް ގެނެސްދިނުމަށާއި ރަޝިއާގެ ކޮންމެ އާއިލާއެއްގެ ދުޅަހެޔޮކަމަށް ޓަކައި ގައުމަށް ހުރިހާ ކަމެއް ކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށް ދެކެން،" މޮސްކޯގައި ހުންނަ ގްރޭންޑް ކްރެމްލިން ޕެލެސްގައި ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވި އެވެ.
ރަޝިއާގެ ޖާސޫސީ އިދާރާ، ކޭޖީބީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޕުޓިން ވަނީ 1999 ވަނަ އަހަރު ގައުމުގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން، ހަތަރު އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވި އެވެ.
ރަޝިއާގެ ގާނޫނު އަސާސީގައިވާ ގޮތުން އެ ގައުމުގައި ޖެހިޖެހިގެން އެއް ބޭފުޅަކަށް ރައީސްކަން ކުރެވޭނީ ދެ ދައުރަށެވެ. އެހެންކަމުން 2008 ވަނަ އަހަރު ވެރިކަމުން ފައިބައިވަޑައިގެން، ބޮޑުވަޒީރުކަން އަނެއްކާ ވެސް ކުރެއްވި އެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ހަ އަހަރުގެ އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އެވެ.
އަދި 2024 ވަނަ އަހަރު ޕުޓިންގެ ރައީސްކަމުގެ ހަތަރު ވަނަ ދައުރު ނިމޭ އިރު، އޭނާ ރަޝިއާގައި ރައީސްގެ ގޮތުގައި އާއި ބޮޑުވަޒީރުގެ ގޮތުގައި ވެރިކަން ކުރެއްވި އަހަރުތައް 24 އަށް އަރާނެ އެވެ.
ރައީސް ޕުޓިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާ ދިމާކޮށް ރަޝިއާގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. އެމުޒާހަރާތަކުގައި 1،200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި އިދިކޮޅު ލީޑަރު އެލްކްސީ ނަވަލްނީ ވެސް ހިމެނެ އެވެ.
ނަވަލްނީގެ މައްޗަށް 2013 ވަނަ އަހަރު ކޮރަޕްޝަނުގެ ދައުވާއެއް ސާބިތުވުމާ ގުޅިގެން އޭނާއަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ރަޝިއާގެ އިލެކްޓޯރަލް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. (ބީބީސީ)