ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ތަހުގީގަށް ސުވާލު ކުރުމަށް، ޔުމްނާ މައުމޫނު މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނިކޮށް މާދަމަ އަށް ތަހުގީގު ފަސްކޮށްދިނުމަށް އެދިވަޑައިގެންނެވި ނަމަވެސް ފުލުހަށް ހާޒިރުވުން ލަސްކޮށްދެވެން ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގައިފިއެވެ.

އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އެޑްރެސްކޮށް ޔުމްނާ ފޮނުވި ސިޓީގައި ބުނެފައި ވަނީ މިއަދު ހަތަރެއް ޖަހާއިރު ޕޮލިހަށް ހާޒިރުވާން އަންގާފައިވާ އެންގުމެއް ލިބިފައިވާ ކަމަށާއި، ނަމަވެސް ނަމަވެސް މިދުވަސްވަރު ޔުމްނާގެ އެންމެ ކުޑަ ދަރިފުޅު ބަލަހައްޓަނީ އެކަނި ކަމުން މިއަދަށް ދަރިފުޅު ބެލުމަށް މީހަކު އިންތިޒާމު ކުރެވުން ދަތި ކަމަކަށް ވަތީ މާދަމާއަށް ހާޒިރުވާން ޖެހޭ ގޮތަށް ފަސްކޮށް ދިނުމަށް އެދޭ ކަމަށެވެ.

އެ ސިޓީގެ ޖަވާބުގައި ފުލުހުން ޔުމްނާ އަށް ފޮނުވި ސިޓިގައި ބުނީ ޔުމްނާ އެދިފައިވާގޮތަށް ތަހުގީގު ފަސްކުރެވެން ނެތް ކަމަށެެވެ. އެ އާއެކު ޔުމްނާ ވިދާޅުވީ މިއަދު ހަތަރެއް ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވާނެ ކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޔުމްނާއަށް ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން ޔުމްނާ ފުލުހަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޔުމްނާ ފުުލުހަށް ހާޒިރުވާން އަންގާފައިވާ އިރު ހަމަ އެ ތުހުމަތުގައި އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމް އަދި ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.