04 Sep 2011, 11:03
ރާއްޖޭގެ އިމާރާތް ކުރުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާނެ ބިލްޑިން އިންސްޕެކްޓަރުން ]އިމާރާތް ކުރުމުގެ މަސައްކަތް ބަލާ މީހުން[ ތަމްރީން ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ހައުސިން މިނިސްޓްރީ އާއި ސްރީލަންކާގެ އިންސްޓްޓިއުޝަން އޮފް ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމެންޓާ ގުޅިގެން މިއަދު ފަށައިފި އެވެ.
ޝީބިލްޑިންގައި ކުރިއަށްދާ އެ ޕްރޮގްރާމް ހަތަރު ދުވަހަށް ކުރިއަށް ދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ޓްރޭނިން ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އެންވަޔަރްމަންޓް ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ އެ ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އިމާރާތްތަކުގެ މަސައްކަތް ބަލަހައްޓާ މީހުން އުފެއްދުން ކަމަށެވެ. އޭނާ ވިދާޅުވީ އިމާރާތް ކުރުމުގެ މަސައްކަތް ބަލަހައްޓާ މީހުން ހަމަ އެކަނި ބަލަނީ ކުރެހުމާ އެއްގޮތަށް މަސައްކަތް ކުރޭތޯ ކަމަށެވެ. ނަމަސް ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް މަސައްކަތް ކުރޭތޯ ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންސްޓްޓިއުޝަން އޮފް ކޮންސްޓްރަކްޝަން ޓްރޭނިން އެންޑް ޑިވެލޮޕްމެންޓް ]އިކްޓާޑް[ގެ ފަރާތުން ވާހަކަ ދެއްކި އިންސްޓްރަކްޓަރު ބުނީ އެ ތަމްރީން ޕްރޮގްރާމްގައި މައިގަނޑު ތިން ކަމަކަށް އަލިއަޅުވާލާނެ ކަމަށެވެ. އެގޮތުން ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް މަސައްކަތް ކުރިއަށް ދޭތޯ ބެލުމާއި މަސައްކަތް ކުރާ ފަރާތަށް ފަސޭހަވާ ފަދަ ގޮތަކަށް އިންސްޕެކްޓް ކުރުމާއި އިމާރާތް ކުރުމާ ބެހޭ ހުރިހާ ދާއިރާތަކެއްގެ މީހުންނާ ގުޅުން ބޮޑު ގޮތަކަށް މަސައްކަތް ކުރާނެ ގޮތްތައް ދަސްކޮށްދެވޭނެ ކަމަށް އޭނާ ބުންޏެވެ.